ރިޕޯޓް
ވެރިން ގައުމިއްޔަތުގެ ވާހަކަ ދައްކަވާ އުޅެނީ ސިޔާސީ ބޭނުމަށް؛ އެކަމަކު މި ރައީސް ތަފާތު!
އެމްއެންޑީއެފްގެ ވައިގެ ބާރުން ބޭނުންކުރި ޑްރޯން ރައީސް މުއިއްޒު ބައްލަވާ ލައްވަނީ
ރާއްޖޭގެ އިސްތިޤްލާލު ޤާއިމުކުރުމަށްޓަކައި ޤައުމިއްޔަތު "އަތްމައްޗަށް ނަންގަވައިގެން" ކަރުތާފެނަށް އެރިވަޑައިގަންނަވަން ޖެހުނަސް ދޫނުދެއްވި ރައީސަކު މިނޫނީ ފެނިފައެއް ނެތެވެ. ދަތި އުނދަގޫތަކާއެކުވެސް ކެރިވަޑައިގެން ރައީސް މުއިއްޒުގެ ވެރިކަމުގައި ވަނީ ގައުމުގެ މިނިވަންކަމާއި އަމާންކަން ވަރުގަދަކޮށް ބަދަލު ގެނައުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ރައީސް މުއިއްޒު ދާދިފަހުން ނިންމެވި ނިންމުންތަކާއި ރޭ ނ. މާފަރުން ދައްކުވާލި "ބޮޑު މަންޒަރުން" މާޒީގެ ރައީސުންނާ ޚިލާފަށް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވާކަން ހާމަވެގެންދެ އެވެ. 

ކުރިންވެސް ވިދާޅުވިހެން އިންޑިއާގެ މިލިޓަރީ މިފަސްގަނޑުން ބޭރުކޮށް މިގައުމުގެ ކަނޑުގެ ސަލާމަތީ ކަންކަން ރައްކާތެރިކުރުމުގައި އަމިއްލަ ނަފްސަށް ބަރޯސާވީ އެވެ. މީގެ ކުރީ ރައީސުން މިގައުމުގެ ކަނޑުގެ ސަލާމަތީ ކަންކަން އިންޑިއާއާ ހަވާލުކުރި ނަމަވެސް މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން މިއަދު މިވަނީ ގެއްލުވައިލި ކޮންޓްރޯލް ރާއްޖޭގެ އިހްތިސާސްގެ ތެރެއަށް ވަރުގަދައަށް ޤާއިމްކޮށްފަ އެވެ. 

"ދިވެހިންގެ އިގުތިސާދީ ލޭ ނާރާ، ކަނޑުފަޅުތަކުން ނަފާ ހޯދައިގެން ދިރިއުޅެމުން ދާ ހިތްމަތްތެރި ދިވެހި ދަރިންގެ ސަލާމަތާ ރައްކާތެރިކަން އެމްއެންޑީއެފްގެ އެއާ ކޯގާ ހިދުމަތާއެކު ބޮޑުތަނުން ކަށަވަރުވާނެ. ރެއާ ދުވާލު ހުއްޓުމެއް ނެތި ރާއްޖެ ބެލެހެއްޓުމުގެ ގާބިލްކަން ސިފައިންނަށް ލިބުމަކީ ކާބަފައިން، އެއުރެންގެ ލެެއާ ފުރާނައިން މި ގައުމަށް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ހައްގުގައި ވެސް އެޅިގެން ދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް." ރައީސް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވި އެވެ. 

މީގެ އިތުރުން މުއިއްޒުގެ ވެރިކަމުގައި ވަނީ ކަނޑުގެ ސަލާމަތީ ގާބިލްކަން އިތުރުކުރުމަށް އެންމެ ޒަމާނީ ޑްރޯން ޓެކްނޮލޮޖީ ހޯދައި، ތުރުކީފަދަ އެކުވެރިންނާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕްތައް ހަދައިފަ އެވެ. ދިވެހި ޑްރޯން ކެޕޭސިޓީތަކަށް އިންވެސްޓްކޮށްގެން، ސަރަހައްދީ ކަނޑުގެ ކޮންޓްރޯލް ވަރުގަދަ ކުރުމަށް ރައީސް މުއިއްޒު މިއެޅުއްވީ ސީދަ ޕްރޮއެކްޓިވް ފިޔަވަޅެކެވެ. ގައުމީ މަސްލަހަތު ރައްކާތެރިކުރުމަކީ މިއީ އެވެ.

ޑްރޯންގެ ބައެއް ސިފަތައް

  • 18،000 - 25،000 ފޫޓު މަތިން އުދުހެވޭނެ
  • 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދޭނެ
  • ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން
  • ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭނެ
  • ޑްރޯންގެ ބޮޑުމިން 21 ފޫޓު
  • 70-120 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހެވޭނެ
  • ނައިޓް ވިޝަން ރޭގަނޑު ވެސް ވަގުތުން އިމޭޖާއި ވީޑިއޯ ފޮނުވާނެ
މި އަށް އަސްކަރިއްޔާގެ ބަހުރުވައިން ޑްރޯން އެއް ނުކިޔަ އެވެ. އެ ބޭފުޅުން މިއަށް ކިޔައި އުޅެނީ ޔޫއޭވީ ނުވަތަ އަންމޭންޑް އޭރިއަލް ވެހިކަލްސް އެވެ. ޑްރޯންއަކީ އެ އަށްވުރެ ފެންވަރު ދަށް އާދައިގެ އުޅަނދެކެވެ.

ރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ، މިހާރު ދުނިޔޭގައި ކަން ހިނގަމުންދާ ގޮތަކީ އެކި ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމުގެ މައްޗަށް ކަމަށެވެ. އެކަމަކު، މިފަދަ ހިނދެއްގައި ރާއްޖޭގެ މިނިވަންކަމަށްޓަކައި "ދެ ވަނަ ތެދުވުމަކުން" ރައީސް މުއިއްޒު ތެދުވެވަޑައިގަތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ބޮޑުތިލަދުންމަތިން ތެދުވެވަޑައިގެން ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމަށް ވިދާޅުވެ، ހަށިފޮޅާލައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދިވެހިންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަަސައްކަތުން ހަލުވިކަމާ އެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި ތި ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ނިންމެވުމުގެ ސަބަބުން އެ މަނިކުފާނާ މެދު ރައްޔިތުންނަށް ލިބުނު ޔަގީންކަން ވަނީ ބޮޑުވެފަ އެވެ.

"ތުއްތު ކުދިންގެ ހިތްތަކުގައި ހުއްބުލްވަތަންގެ ދަންމަރު އަލުން ދިއްލާލި ކަމެއް. ކެރޭ ދިވެހި ސިފައިންގެ އަޒުމް އިތުރަށް ވަރުގަދަ ކުރުވި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ޑްރޯން - ޔޫއޭވީ ރާއްޖެ އަށް ތައާރަފުކޮށްފައިވަނީ ހަމަލާ ދިނުމަށްވުރެ ބޮޑަށް ދިވެހި މަސްކަނޑުތަކާއި ދިވެހި ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ބަލަހައްޓާށެވެ. ސާޗް އޮޕަރޭޝަން ތަކަށެވެ. އެކަމަކު ރާއްޖެއަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަރަހައްދުގައި ކަމެއް ހިނގާނަމަ އެކަމެއް ނައްތާލުމުގެ ކެޕޭސިޓީ މި އުޅަނދަށް ލިބިގެންވެ އެވެ. އެނިފައިވާ ގޮތުގައި ޑްރޯންއާއެކު އެ ވަސީލްތައް ވެސް ސިފައިންނަށް ލިބިފައިވެ އެވެ. 

ތާރީހީ ބޮޑު ނިންމުމަކާއެކު ރައީސް މުއިއްޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް "ދަ އެއާ ކޮޕްސް" ތަޢާރަފްކޮށް، ޑިފެންސް އިންފްރާސްޓްރަކްޗަރ ޒަމާނީކޮށްދެއްވާފަ އެވެ. މިއީ އުފެދިފައިވާ ސަލާމަތީ ގޮންޖެހުންތަކަށް ފައިދާހުރި ގޮތެއްގައި ރައްދު ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް މުއިއްޒު ވެވަޑައިގެންނެވި ވަޢުދުގެ މައްޗަށް އަލިއަޅުވާލާ ކަމެކެވެ. ޤައުމީ އިސްތިޤްލާލަށް ރައީސް މުޢިއްޒުގެ ފަސްނުޖެހޭ ޚިދުމަތްތެރިކަމަކީ ކުރީގެ ވެރިކަމުގައި ގިނަ ފަހަރަށް ޢަމަލުތަކަށްވުރެ ވާހަކަ ދެއްކުން ގިނަކޮށް ގައުމިއްޔަތާ ދޭތެރޭ ފަރުވާ ނުބެހެއްޓި ވެރިކަމާ ވަރަށް ތަފާތު ކަމެކެވެ. ނިންމާ ފިޔަވަޅުތަކާއި ސްޓްރެޓެޖިކް ޕާޓްނަޝިޕްތަކުގެ ތެރެއިން މުއިއްޒު ވަނީ މިނިވަން ގައުމެއްގެ ގޮތުގައި ޕްރޯ މޯލްޑިވްސް އެއްގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރުމަށް ހަގީގީ މަންޒަރެއް ދައްކާފައެވެ. 

މިރައީސް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ 150 ދުވަސް ނުވަނީސް މިފެނުނީ އަސްލު ގައުމިއްޔަތު ކުރިޔަށް ނެރުނު މަންޒަރެވެ. ބަހާއި އަމަލު ދިމާކުރެއްވި މަންޒަރެވެ. އެހެން ރައީސުންނަށް ނުވި ކަންތަކާއި ނުކުރެއްވޭނެއޭ ވިދާޅުވި ކަންތައް ކުރެއްވި މަންޒަރެވެ. އެހެންކަމުން މި ރައީސާ ހިލާފަށް ގައުމިއްޔަތުގެ ވާހަކަ ގިނަ ރައީސުން ދައްކަނީ ސިޔާސީ ބޭނުމެއްގައެވެ. 

ދިވެހި ސިފައިންގެ ކޯސްޓް ގާޑުގެ އުޅަނދުތަކުގެ ހާލަތު މިހާރު ހުރީ ވަރަށް ދަށުގައި ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ. 

"އެކި ސައިޒުގެ އުޅަނދުތައް އިރާދަކުރެއްވިއްޔާ ހޯދައިދީ، މިހާރު ވެސް އެ މަސައްކަތް އެބަ ހިނގާ، ކުރިން ދެންނެވި ފަދައިން އަޅުގަނޑުމެންނާ ވަރަށް ގާތް ތުރުކީގެ ސަރުކާރާ އެކީގައި. އަދިވެސް އެކުވެރި ބައެއް ގައުމުތަކާ އެކީގައި އެ މުއާމަލާތްތައް ކުރެވެމުން ދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯސްޓްގާޑުގެ ކަނޑުގެ ކެޕޭސިޓީ ވެސް އިރާދަކުރެއްވިއްޔާ ދާނީ ދުވަހެއް ދުވަހަކަށް މަތި ކުރެވެމުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޯސްޓް ގާޑުގެ ބޭނުމަށް ދުއްވާ ކުދި 10 ވަރަކަށް އުޅަނދު އޮތް އިރު ބައެއް ތަކެތި ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.

"މިއީ ހިތާމަ ހުރި ކަމެއް. އެތައް އަހަރެއް މި ދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި، އެހެން ނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ ކަމެއް ނޫން. ދިވެހިންނަށް ހައްގު މިންވަރެއް ނޫން،" ރައީސްކަމުގެ މަގާމުގެ ހުވާ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ހުވާކުރެއްވުމަށް ފަހު، ދިވެހިންގެ މިނިވަންކަމުގެ "ރަތް ރޮނގު" ދަމާނީ ވަރަށް ފަލޮކޮށް ކަމަށް ވިދާޅުވެފައިވާނެކަން ހަދާންކޮށްދެއްވާ ރައީސް ވިދާޅުވި އެވެ.

ގައުމިއްޔަތު ނެގެހެއްޓޭނީ ގައުމުގެ ސައިޒު ބޮޑުވެފައި މިލިއަނުން ރައްޔިތުންނާއި ވަސިލަތް ހުރީމަ ނޫންކަން މިރައީސް މިވަނީ ދައްކުވައިދެއްވާފަ އެވެ. ގައުމިއްޔަތަށް ބަލާނަމަ، މުޅި ތާރީޚުގައި އެމެރިކާ ސަރުކާރުން އިސްކަންދީފައިވަނީ ޤައުމީ އިސްތިޤްލާލާއި މިނިވަންކަމަށެވެ. ގިނަ ފަހަރަށް އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމަށާއި އެމެރިކާގެ ސަރަހައްދާއި ވަސީލަތްތަކުގެ މައްޗަށް ކޮންޓްރޯލް ހޯދުމަށް ޑިޕްލޮމެޓިކް އަދި އަސްކަރީ އިންޓަރވެންޝަންތަކެއްގައެވެ. މިއަދު މިރައީސްވެސް މިދެއްކެވީ އެމަންޒަރެވެ. 

ތުރުކީން ޑުރޯން ގެނެސްގެން ސަރަހައްދީ ކަނޑުގެ އަމިއްލަބާރު ދިވެހިންގެ ރާއްޖެއަށް މިރައީސް ހޯއްދަވައިދެއްވުމުން ހަނދާނަށް އަންނަނީ ރައީސް ރަޖަބް ތައިބް އުރުދުޣާނުގެ ތުރުކީ ސަރުކާރުން އެގައުމުގެ އެތެރޭގެ ދިފާއީ ގާބިލްކަން ހަރުދަނާކޮށް ސަރަހައްދީ ކަންކަމުގައި ތުރުކީގެ ނުފޫޒު ވަރުގަދަ ކުރުމަށް މަސައްކަތްކުރެއްވިކަމެވެ. ހަމައެފަދައިން، ރަޝިޔާގެ ސަރަހައްދީ އެއްބައިވަންތަކަމާއި ގައުމީ މަސްލަހަތު ރައްކާތެރިކުރުމަށް އަމާޒުކޮށްގެން އެމީހުންގެ އަސްކަރިއްޔާ ޒަމާނީކުރެއްވުމާއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރަން ކުރާ މަސައްކަތްތަކާ ގުޅިގެން އެއްވެސް ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. ވިދާޅުވީ، ރާއްޖެ އިން ހުރިހާ ގައުމަކާ އެކު ވެސް ގާތްގުޅުމެއް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް ގައުމެއްގެ ހަތުރުންނެއް ނޫން. އަޅުގަނޑުމެންނަށް މުހިންމު ވެގެން މި އުޅެނީ މި ފަހުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަންމަތީގައި ހުރިހާ މާނައެއްގައި އެއީ އިގުތިސާދީ ގޮތުން ވެސް އަސްކަރީ ގޮތުން ވެސް މިނިވަން، މުސްތަގިއްލު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި މި ގައުމު އޮވެގެން ނޫނިއްޔާ މި ސަރަހައްދަށް ވެސް ހަމަޖެހުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވީ ވައުދު ވީގޮތަށް ފުއްދަމުން ދާއިރު, މިވީ މަދު ދުވަސްކޮޅުގައި ސާފުވެ ޔަގީންވިކަމަކީ ހަގީތަގުގައިވެސް ރައީސް މުޢިއްޒު‬ އަކީ ގައުމުދެކެލޯބިވާ ވެރިއެއްކަމެވެ. މިގައުމު އަމިއްލަ ފައިމައްޗަށް ތެދުކުރުމައްޓަކައި އެގެންދަވަނީ ފަހަރަކު ކަމެއް ނިންމަވަމުންނެވެ. ސިޔާސީ މަންފާއަށްޓަކައި ގައުމިއްޔަތޭ ވިދަޅުވި ގިނަ ރައީސުންނަށް ގައުމިއްޔަތުގެ ވާހަކަ ދެއްކޭނެ ޖާގައެއް ނެތެވެ. މިރައީސް މިވަނީ ގައުމިއްޔަތު ކުރިޔަށްނެރެފަ އެވެ ވިދާޅުވި ގޮތަށް އަކުރުން އަކުރަށެވެ. ބާރު ސްޕީޑްގައި އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
25%
25%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު