ވިޔަފާރި
ބްލޫ ބޮންޑަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކަށް ފައިސާ ހޯދުމަށް ރަނގަޅު މަގު: ސައީދު
ބްލޫ ބޮންޑަކީ، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ރަނގަޅު ފައިސޭސިން ފެސިލިޓީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވީ އިކޮނޮމިމް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ބާއްވާ އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމަކީ ޔޫޫއެންޑީޕީގެ ކްލައިމެޓް ފައިނޭންސް ނެޓްވޯކުގައި ހިމެނޭ ޤައުމުތަކުން ބައިވެރިވާ ފޯރަމެކެވެ. އެގޮތުން ފޯރަމުގައި 12 ވަރަކަށް ގައުމުން 100 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެ އެވެ.

ސައީދު ވިދާޅުވީ އެންމެ ބޭނުން ޖެހިފައިވާ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ތިމާވެއްޓާ ރައްޓެހި ފައިނޭންސިން ފެސިލިޓީތައް ހޯދުމަށް ދަތިތައް އެބަހުރި ކަމަށާއި އެފަދަ ފަންޑުތައް ހޯދަން ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.  

ސައީދު ވިދާޅުވީ، ބްލޫ ބޮންޑަކީ، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ރަނގަޅު ފައިސޭސިން ފެސިލިޓީ ކަމަށްވާއިރު އެކަހަލަ ބޮންޑެއް ހޯދުމަށް ކުދި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

"ބްލޫ ބޮންޑަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކަށް ފައިސާ ހޯދުމުގެ ވަރަށް ރަނގަޅު މަގު. އެކަމަކު ލިޔެކިޔުމުގެ ޝަރުތުތަކާއި، ގާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން، އަޅުގަނޑުމެން ކަހަލަ ތަރައްގީވަމުން އަންނަ ގައުމުތަކަށް، މި ފައިނޭންސިން އޮޕްޝަންތައް ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް ތަރައްގީއަށް ކުރާ މަސައްކަތް އިތުރުކޮށްފިނަމަ ރާއްޖޭގެ ދުވެލި ބާރު ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި 771 މިލިއަން ރުފިޔާގެ ބްލޫ ބޮންޑު ވިއްކަން ހިމަނާފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ އިގްތިސާދީ މުޅިން އާ ދާއިރާތަކުގެ މަސައްކަތްތައް ފެށުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. 

މިފަހަރުގެ އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމު ރާއްޖެއިން ކޯ ހޮސްޓްކުރާއިރު، މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީއާއި، ޔޫއެންޑީޕީއާއި، އިންގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އަދި ޑިވެލޮޕްމެންޓް އޮފީހާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު