
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކޮމަންވެލްތުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާކަން ހާމަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ފަރާތުން ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާއި ތަޢުލީމާއި ތިމާވެށްޓާއި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަކުރެއްވި އެވެ.މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސިޑްސްއިން ނެރެވޭނެ ނަތީޖާއާއި ދައުރުގެ މައްޗަށް އަދި ދައުލަތްތަކުގެ ވަސީލަތްތަކާއި އަމިއްލަ ފޯރުންތެރިކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރައްވާ ފައެވެ. މީގެ އިތުރުން، އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސްގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި އެވެ.ކޮމަންވެލްތުގެ ފަރާތުން ސިޑްސްއަށް އެހީވުމުގައި ކޮމަންވެލްތުގެ ދައުރު އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސް4 ގެ އެޖެންޑާގެ ތެރެއިން ޤައުމުތަކުން އެއްބަސްވާ އެކްޝަން ޕްލޭންގައި ކަނޑައެޅޭގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބާރުއަޅުއްވާ ފައެވެ.މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާއެކު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ފައެވެ.