ޚަބަރު
ގެދޮރުވެރިޔާ ސްކީމް ހިންގި ކުރީ ސަރުކާރުގެ ވެރިންގެ ގެދޮރު ބަލައި ފާސް ކުރަނީ
އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: - ފޮޓޯ/ އޭސީސީ
ކުރީގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ދޫކުރުމުގެ މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުނު ކުރީ ބައެއް ވެރިންގެ ގެއަށް އެންޓި- ކޮރަޕްޝަން ކޮމިޝަން އޭސީސީ) އިން ވަދެ، ބަލައި ފާސް ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގެއަށް ވެސް އޭސީސީން ވަނީ ވަދެފަ އެވެ. އަދި އޭނާގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އޭސީސީން އަތުލާފައިވާ ކަން ވެސް އެނގިފައިވެ އެވެ.

އޭގެ އިތުރުން، ގެދޮރުވެރިޔާ ސްކީމް ހިންގުމުގައި މަސައްކަތް ކުރި ލިރުޣާމް ވަހީދު، މުހައްމަދު އާރިފް އަދި އަހުމަދު ވިސާން ނަސީމްގެ ގެދޮރު ވެސް އޭސީސީން ފާސް ކުރަމުންދާ ކަމަށް އެނގިފައިވެ އެވެ.

އެ ކޮމިޝަމުން ބައެއް މީޑިއާތަކަށް މިއަދު ހައުސިން މިނިސްޓްރީގެ ކުރީގެ ފްލެޓް ކޮމީޓީގެ ވެރިންގެ ގެތައް ފާސްކުރަމުން އަންނަނީ އޭސީސީން މިހާރު ތަހުގީގު ކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތުގެ މައްސަލައިގައި ކަމަށެވެ. އެގޮތުން ކޯޓު އަމުރުގެ ދަށުން ފާސްކުރަމުން އަންނަނީ މައްސަލައާ ގުޅުންހުރި ބައެއް ފަރާތްތަކާ ގުޅުންހުރި ބައެއް ތަންތަން ކަމަށް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން އޮތީ ޖިނާއީ ތަހުގީގެއް ވެސް ފަށައިފަ އެވެ. އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިދިޔަ އެޕްރީލް މަހުގެ 1 ގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ.

ހުއްދަ ދިން ނަމަވެސް އޭސީސީން ބުނެފައި ވަނީ 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު