ޚަބަރު
ހުޅުމާލެ ފޭސް 2 ގެ ހުރިހާ ގޯއްޗެއް އޮކްޓޫބަރުގައި ހަވާލުކުރެވޭނެ: މިނިސްޓަރު
މިދިޔަ އެމްޑީޕީ ސަރުކާރު ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރަން ހަމަޖެހިފައިވާ ހުރިހާ ގޯއްޗެއް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކޮށް ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދިން މީހުންނަށް ބިން ހަވާލުކުރުމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ފްލެޓްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހައިދަރު ވިދާޅުވީ ފޭސް 2 އިން ގޯތި ދީފައި ހުރީ މަސައްކަތްކުރާ ތަންތަނުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ކަމަށެވެ. ބައެއް ގޯތިތައް ހުރީ ކަރަންޓު ފޮށިތައް ވެސް ގޯތިތެރެއަށްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލެ ފޭސް ދޭކުން ދޭންޖެހޭ ގޯތިތައް ބަހާފައި ހުރިއިރު ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާ ބައެއް މަގުތަކުންނާ ގޯޅިތަކުން ގޯތި ދީފަ އެބަހުރި. ބައެއް ގޯތިތައް ހުރީ ކަރަންޓު ނަރުތަކާ ކަރަންޓު ފޮށިތައް ގޯތިތެރެއަށްވާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަންކަން ހައްލުކޮށް، ފަސްދުނިތައް ނަގައި، ކަރަންޓު ފޮށިތައް ދުރުކުރުމަށްފަހު ބިން ސާފުކޮށްފައި މިހާރު ވެސް ގޯތި ދޭންޖެހޭ 623 މީހަކާ ގޯތި ހަވާލުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.  

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ފޭސް ތިނަކުން ވެސް ކުރީގެ ސަރުކާރުން 699 ގޯތި ދޫކުރީ ފަޅުން ކަމަށެވެ. ފަޅުން ދޫކުރާ ތަންތަން މީހެއްގެ ނަން މައްޗަށް ބަދަލުކުރެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށާއި އެއީ ޒިންމާދާރު ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށް ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މި ސަރުކާރުން އެބަކުރެ އެވެ. އަދި އެ ތަން އެއްކޮށް ހިއްކައި ނިންމައި، ގޯތި ލިބުނު މީހުންނާ މި އަހަރުގެ ނޮވެމްބަރު މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެއިން 1،408 ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ނިންމިއިރު، މިދިޔަ އަހަރު 465 ގޯތި ދޫކޮށްފައިވެއެވެ. އަދި، މި އަހަރުގެ މިހާތަނަށް 159 ގޯތި ދޫކޮށް، ޖުމްލަ 624 ގޯތި ހުޅުމާލެއިން ވަނީ ދޫކޮށްފައެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓުތަކާއި ގޯތިތައް ދޫކުރުން ލަސްވާތީ، މާލޭގެ ރައްޔިތުން މުޒާހަރާ ވެސް ކުރިއެވެ. މި ސަރުކާރުން ފުލެޓު ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ފުލެޓު ލިބުނު ގިނަ ބަޔަކު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު