ޚަބަރު
އީދުގައި ދިވެހިންގެ އިޖުތިމާއީ މިންގަނޑާ ހިލާފުނުވުމަށް އަންގައިފި
އީދުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ސަގާފީ ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ: ސަން
އިސްލާމް ދީނާއި ދިވެހިންގެ އާއްމު އިޖްތިމާއީ މިންގަނޑުތަކާއި އެއްގޮތަށް އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރީން އަންގައިފި އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރީން މިއަދު ލޯކަލް ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި، ކައުންސިލުތަކާއި އެހެނިހެން ފަރާތްތަކުން އިންތިޒާމުކޮށްގެން އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ އިންތައް ބަޔާންކޮށްދީފައިވެ އެވެ. އަދި އެ އިންތައް ފަހަނައަޅައި ނުދާނެހެން ހަރަކާތްތައް އިންތިޒާމުކުރަން އެ މިނިސްޓަރީން އިލްތިމާސްކުރި އެވެ. 

އެ ސާކިއުލާގައި ބުނެފައިވަނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ އެއްވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ކަމަށެވެ. 

އެ މާއްދާއާ ހަވާލާދީ މިނިސްޓްރީން ބުނެފައިވަނީ އީދުގެ ހުރިހައި ހަރަކާތްތަކެއް ހިންގުމުގައި އެ ގާނޫނަށް ރިއާޔަތްކުރުމަށް އެދޭ ކަމަށެވެ. 

އަދި ޢާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ އެއްވެސްކަމެއް ހިންގުމަށް ޖާގަދީގެން ނުވާނެކަމަށްވެސް މިސާކިއުލާގައިވަނީ އަންގަވާފަ އެވެ. އެގޮތުން ޖިންސީ ގުނަވަން ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްޗެއް ބޭނުން ނުކުރުމަށާއި، އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނުގެންގުޅުމަށްވަނީ އަންގަވާފަ އެވެ. 

އަންނަ އާދިއްތަ ދުވަހު ފެށޭ އީދުގެ ހަރަކާތްތައް، ވަރަށް ގިނަ ރަށްރަށުގައި ކުލަ ގަދަކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ހަވާ އެރުވުމާއި ސަގާފީ ކުޅިވަރުތަކާއި ޖާފަތްތައް ވެސް ހިމެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު