ވިޔަފާރި
މަސްވެރިންނަށް ނުދެވި އޮތީ 52.6 މިލިއަން ރުފިޔާ: މިފްކޯ
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި ވަނީ އެއް މަހަށްވާ 52.6 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިފަދައިން ބުނެފައިވަނީ އައްޑޫ މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މަސްވެރިންނަށް ދެތިން މަސްދުވަހަށްވާ ފައިސާ ނުލިބި ހުރިކަމަށް މަސްވެރިންނާ ހަވާލާދީ މީޑިއާއިން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. 

ބައެއް މަސްވެރިން ބުނެފައިވަނީ މަސްވެރިންނަށް ފައިސާ ނުލިބޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމަށް ދަތިވެ، ދަރަނި ބޮޑުވެފައިވާކަމަށް މަސްވެރިން ބުނެ އެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށް މިފްކޯއިން މިއަދު ބުނީ، މިއަދާ ހަމަޔަށް ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާ ކަމަށެވެ.

"އެއީ މިދިޔަ 9 މޭ އިން ފެށިގެން މިއަދުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން. މާނައަކީ 1 މަހާއި 14 ދުވަސް. މިއީ މިހާތަނަށް ކިރި މަހުގެ ޖުމްލަ ކަމުގައި ދަންނަވަން،" މިފްކޯއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ވެއެވެ.

މަސްވެރިން ކިރުވާ މަހަށް ދޭން ޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގައި ދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މި ސަރުކާރުން އެ ގޮތަށް އަމަލު ނުކުރާތީ މަސްވެރިންގެ ފާޑުކިޔުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.


މިދިޔަ އަހަރު ނިމުނު އިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މި އަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. މިފްކޯ އަށް މަސް ގަންނަނީ ކިލޯއަކަށް 8ރ. ގެ ގެއްލުމެއްގަ އެވެ.

މަސްދޯނިތަކުން މިފްކޯ އަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ އެހީގައި ކަމަށް އެ ކުންފުނިން ބުންޏެވެ. މަސްވެރިންނަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާ އެކީ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ ހުރުމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މިފްކޯއަށް ގެއްލުންވާގޮތަށް މަސް ގަންނަ އަގުވަނީ 25 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު