ޚަބަރު
ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތަށް: ޝުޖާއު
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ "ސްކޭމް" އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. ކުރީގެ ސަރުކާރުން ބުނި ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމުގައި 15،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓު ކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮން ޖަރީމާއެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"މަތީ ތައުލީމް އުނގެނޭ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ބޮޑު ސްކޭމެއް ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ޕްރައިވެޓް ކޮލެޖްތަކުން ހިންގަމުންދިޔަ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއްދޭ އުސޫލުންނެވެ.

ނަތީޖާއެއްގެ ގޮތުން ފެނިގެންދިޔައީ ޕްރައިވެޓް ކޮލެޖުތައް އިނދަޖެހުނު މަންޒަރު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުނުކަން ފާހަގަކުރައްވާ ޝުޖާއު މިއަދު ވިދާޅުވީ ޕްރައިވެޓް ކޮލެޖުތައް ބާރުވެރިކުރެވުމުން ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު