ޚަބަރު
ލެޔާގުޅޭ ހިދުމަތްތައް ބެލެހެއްޓުމަށް ހާއްސަ ލޭ އެޕް ލޯންޗުކޮށްފި
ލެޔާގުޅޭ ހިދުމަތްތައް ބެލެހެއްޓުމަށް އެޕްލިކޭޝަން އެއް ލޯންޗުކޮށްފި-- ފޮޓޯ: ހެލްތު މިނިސްޓަރީ
ލޭ ހަދިޔާކުރުމާއި، ލެޔާގުޅޭ ހިދުމަތްތައް ބެލެހެއްޓުމަށް ހާއްސަ "ލޭ އެޕް" ލޯންޗުކޮށްފި އެވެ.

އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން ހެލްތު މިނިސްޓްރީއާ ގުޅިގެން ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ތައާރަފްކޮށްދިނީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.

ހެލްތު މިނިސްޓްރީން ބުނީ ލޭ އެޕަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުގައި ލޭ ހަދިޔާކުރުމާއި، ލެއާއި ގުޅުންހުރި ހިދުމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. މި އެޕްލިކޭޝަންގެ ސަބަބުން، ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓަރީން ބުނީ މި އެޕްލިކޭޝަންގެ ސަބަބުން ލޭ ހަދިޔާކުރުމާއި މެނޭޖްކުރުމުގެ ހިދުމަތުގައި އާ މިންގަނޑެއް ކަނޑައަޅައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ލޭ މެދުކެނޑުމެއް ނެތި ލިބުމަށް މަގުފަހިވާނެ ކަމަށެވެ.

މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި 2019ވަނަ އަހަރުން މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން ދަރުމައަށް ލޭހަދިޔާކުރި ފަރާތްތަކަށާއި، އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ހިންގި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރި އެވެ.

ލޭ އެޕުގައި ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ލޭ އެޕުގެ ހިދުމަތްތައް އަންނަ މަހުގެ އެކެއްގައި ފެށުމާއެކު ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު