ދުނިޔެ
އިޒްރޭލުން އީރާނުގައި ދިން ހަމަލާއެއްގައި ހަމާސްގެ އިސް ލީޑަރު ހަނިއްޔާ ޝަހީދުކޮށްލައިފި
ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ
ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށްޝަހީދުކޮށްލައިފި އެވެ. 

އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި އެ ހަމަލާ ދީފައި ވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އީރާނު ޓީވީން އެކަން އިއުލާނުކުރިތާ މާގިނައިރުތަކެއް ނުވެ ހަމާސްއިންވެސް ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނެއްގައި ބުނެފައި ވަނީ ހަނިއްޔާ ޝަހީދުކޮށްލައިފައި ވަނީ އީރާނުގެ އާ ރައީސް ހުވާކުރެއްވުމުގެ ބައިވެރިވެވަޑައިގަތުމަށް ފަހު ތެހެރާނުގައި އޭނާ ދިރިއުޅޭ ގެއަށް "ޒަޔަނިސްޓުން" ދިން ހަމަލާއެއްގައި ކަމަށެވެ. އީރާންގެ އާ ރައީސް ހުވާ ކުރެއްވީ އިއްޔެ އެވެ. 

ގާޒާގައި އެންމެ ފަހުން 2006 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުން ކުރި ހޯދީ ހަމާސް އެވެ. އެއާ އެކު ހަނިއްޔާ ވެވަޑައިގެންނެވީ ފަލަސްތީނުގެ ބޮޑުވަޒީރަށެވެ.

އޭގެ ފަހުން އިޒްރޭލުން ވަނީ ގާޒާ ވަށާލައި، ގާޒާގެ ބޯޑަރުތައް ކޮންޓްރޯލް ކުރަން ފެށި އެވެ. އަދި ހަމާސްއިން ހަމަލާތައް ދޭ ކަމަށް ބުނެ އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކުރި އެވެ. އެމެރިކާ އާއި އީޔޫއިން ވެސް ނިންމި އެގޮތަށެވެ.

މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާއެކު ހިންގަމުންދާ ގަތުލުއާންމުގައި ހާތަނަށް 39،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާގައި ކުރަމުންދާ ހަނގުރާމައިގައި އޭޕްރީލް މަހު ޣައްޒާއަށް ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ފިރިހެން ކުދިން ވެސް ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހަމަލާގައި ހަނިއްޔާގެ ކާފަ ކުދިންވެސް ޝަހީދުކޮށްލައިފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު