ވިޔަފާރި
މޯލްޑިވިއަން އިން ޑާކާއަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އައި ދަތުރުތައް އެ ގައުމުގައި މިހާރު ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ހެދި މެދުކަނޑާލައިފި އެވެ.

މޯލްޑިވިއަނުން ބުނީ ބަންގްލަދޭޝްގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް މިއަދު ދަތުރުކުރަން އޮތް ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށެވެ.

ގައުމީ އެއާލައިނުން ބުނީ ބަންގްލަދޭޝްގެ މިހާރުގެ ހާލަތު ވަރަށް ގާތުން ބަަލަމުންދާ ކަމަށާއި ޕަސިންޖަރުންނަށް ދޭންޖެހޭ އެހީތެރިކަން ދެމުންދާނެ ކަމަށެވެ.

"މި ހާލަތުގައި އަޅުގަނޑުމެންގެ ފަސިންޖަރުންނަށް ފުރިހަމަ އެހީތެރިކަން ދޭނަން، އެންމެ މުހިންމު ކަމަކީ ފަސިންޖަރުންނާއި ކުންފުނީގެ ކްރޫއިންގެ ރައްކާތެރިކަން،" މޯލްޑިވިއަންގެ ޕޯސްޓުގައިވެ އެވެ.

ބަންގްލަދޭޝްގައި 91 ދަރިވަރުންނާ އެކު ޖުމުލަ 119 ދިވެހިން ތިބި ކަމަށް ސަރުކާރުން ބުނާއިރު އެ މީހުން ސަމާލުވުމަށް ދެ ފަހަރެއްގެ މަތިން ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހަމަނުޖެހުންތައް ކުރިއަށްދިޔަ ނަމަވެސް ދިވެހިންގެ ހާލު ރަނގަޅު ކަމަށް އެ ވުޒާރާއިން ތަކުރާރުކޮށް ބުނެފައިވެ އެވެ.

ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނަގަން ގެންގުޅޭ އުސޫލާ މެދު ހިތްހަމަނުޖެހިގެން އެގައުމުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން މިދިޔަ މަހު ފެށި މުޒާހަރާތައް އިއްޔެ ނިމުމަކަށް އައީ ބޮޑުވަޒީރު ޝައިހް ހަސީނާ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވާ ހާލަތުކުރިމަތިވެގެންނެވެ. 

ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ ހަސީނާ އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ބަންގްލަދޭޝް ދޫކޮށް ފިއްލަވާފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު