ޚަބަރު
މާލޭ މީހުންނަށް ގޯތި ދިން ގޮތަކީ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް: ފަލާހު
ޕީއެންސީގެ ޕީޖީ ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ކުރީ ސަރުކާރުން ރިޔާސީ އިންތިހާބާއި ދިމާކޮށް ދީފައިވާ ގޯތިތަކުގެ ލިސްޓުން ހުޅުމާލޭގެ ލިސްޓަށް އެކަނި 5.4 ބިލިއަން ރުފިޔާއަށް އޭގެ އަގު އަރާ ކަމަށާއި މިއީ މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތީގެ މައްސަލާގައި ސުވާލުކުރުމަށް މިއަދު ހައުސިން މިނިސްޓަރު އަލީ ހައިދަރު މަޖިލީހަށް ހާޒިރުކުރުމުން އޭނާ ދެއްވި ޖަވާބުތަކާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ޖަލްސާގައި އަޑުގަދަކޮށްފަ އެވެ. އެކަމާ ގުޅިގެން ބައެއް މެމްބަރުންގެ ނަން އިއްވި އެވެ.

އެ މައްސަލައާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތި ދޫކުރިއިރު އަމަލުކޮށްފައިވަނީ ޒިންމާދާރު ސަރުކާރަކުން އަމަލުކުރާ ގޮތާއި ހިލާފަށް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ އަގު އެކަނި ވެސް 5.4 ބިލިއަން ރުފިޔާ އަރަ އެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 1،000 އަކަފޫޓުގެ ބިމެއްގެ ބިމުގެ އަގު 10 ވަރަކަށް މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އޭގެ 9،100 ގޯތި ދޫކުރުމަކީ އިންސާފެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ ގޮތުން، ހުޅުމާލެއިން އެކަނި ދޫކުރި ގޯތިތަކުގެ އަގަށް ވެސް 5.4 ބިލިއަން ރުފިޔާ އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ގޯތި ދޭނަމަ، އެންމެންނަށް އެއް ހަމައަކުން ގޯތި ދޫކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ބިމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ބިމެއް ބަޔަކަށް ދޭން ޖެހެނީ ބިމެއް އުފައްދާފައި ކަމަށެވެ. އެކަމަކު ފަޅުތަކުން ބިން ދޫކޮށްފައި އޮތުމުން، އެތަންތަން ރައްޔިތުންނަށް ދެވެން އޮތީ ބިމަށް ބަދަލުކޮށްގެން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ފްލެޓް ލިސްޓުގެ ޝަރުތުތަކުގެ ތެރޭގައި ވެސް ބޮޑެތި އޮޅުވާލުންތައް ހުރިކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ މާލޭގައި ވަކި މުއްދަތެއްގައި އުޅުނު ކަމަށް ދެއްކުމަށް އެމްޑީޕީއާ ގުޅުން އޮތް ކައުންސިލުތަކުން ލިޔުން އުފައްދައިގެން ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެ ޕާޓީގެ މީހުންނަށް ފްލެޓް ދިނުމަށް ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ޝުޖާއު ވަނީ އެހާ ވަރަށް އޮޅުވާލުމުން ފްލެޓް ދޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

"ތިމާމެންނަށް ސަޕޯޓުކުރާ ތިމާމެންގެ ޕާޓީގެ މީހުންނަށް ފްލެޓް ދޭން ކޮށްފައި ހުރި ވައްކަންތައް އޭގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ. ކިހިނެއްތޯ އަޅުގަނޑުމެން އެކަހަލަ ވައްކަން ކޮށްފައި އޮތް ލިސްޓަކަށް ފްލެޓް ދޭނީ. ނުދެވޭނެ އިނގޭތޯ،" ޝުޖާއު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު