ޚަބަރު
ހޯޕް އައިލެންޑުގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފި
ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް އެ ކުދިން ރަނގަޅު މަގަށް ގެނައުމަށް، "ހޯޕް އައިލެންޑު"ގެ ނަމުގައި ދ. ވާނީގައި ހެދުމަށް ނިންމާފައިވާ ރީހެބިލިޓޭޝަން ފެސިލިޓީގެ ކުރެހުން ނިންމައިފިއެވެ.

"ހޯޕް އައިލެންޑް"ގެ ނަމުގައި ތަރައްގީކުރާ ރަށަކީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ކުށުގެ މާހައުލުން ބޭރުކުރުމަށްފަހު އެ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ރިހެބިލިޓޭޓުކޮށް އިސްލާހުކުރުމަށް ގެންދަން ހާއްސަކޮށް ތަރައްގީކުރާ ރަށެކެވެ. 

"ސަރުކާރު" ނޫހަށް މަައުލޫމާތު ދެއްވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ރަށުގެ ކުރެހުން ނިމިފައިވާއިރު ދެން އޮންނާނީ އެރަށް ތަރައްގީކުރުމަށް ފައިސާ ހަމަޖަައްސާ މޮޑެލްއަށް އިކޮނޮމިކް ކައުންސިލުގެ ރުހުން ހޯދުން ކަމަށެވެ. 

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ.

މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެއެވެ. އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެއެވެ.

ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ އެވެ. އެ އަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ހިދުމަތުންކުރެ، ހިދުމަތެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު