ޚަބަރު
ޓެކުހަށް މަކަރު ހަދާކަމަށް ބުނެ މައި ކެމިސްޓް މައްޗަށް ދައުވާކޮށްދޭން ފޮނުވައިފި
ގަސްދުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި، ފުޅާ ދާއިރާއެއްގައި ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތެއްގެ މައްސަލައެއް މީރާއިން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް ވިއްކާ ފަރާތެއް ކަމަށްވާ ޙުސައިން އިރުފާން، ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، އެމައްސަލަ ތަހުގީގުކޮށް ޖިނާއީ މައްސަލައެއްގެ ގޮތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި ހުސައިން އިރުފާނަކީ ރާއްޖޭގައި ޑޮކްޓަރީ ބޭސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތެކެވެ. އަދި އެ ފަރާތުގެ ހޯލްސޭލް ވިޔަފާރިކަމުގައިވާ "މައި ކެމިސްޓް ގޯޑައުން" އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް އެ ފަރާތުން 2018، 2019 އަދި 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނާފައިނުވާކަން ތަހުގީގަށް ފާހަގަވެފައިވާކަމަށް ވަނީ ބުނެފައެވެ.

އެވްރެޖްކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ މީރާ އަށް ރިޕޯޓް ކޮށްފައި ނުވާއިރު، ޖުމްލަ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ކަން އޮޑިޓުން ހާމަވެފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ. އެ ފައިސާ ދައްކަން މީރާއިން ވަނީ އިރުފާނަށް އަންގައިފަ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ އެއްވެސް ޓެކްސް ދެއްކުމަށް، އެނގި ހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކުރުމަށް ޓެކްސް ދޭންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި ކަމެއް ކުރުމަކީ ވެސް ކުށެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު