ޚަބަރު
ގައުމުގެ ކުރިއެރުމަށް ސިޔާސަތުތައް އެކުލަވާލަން ދިރާސާތަކުގެ ބޭނުންކުރާނަން: ރައީސް
އިލްމީ ދިރާސާތަކާ ގުޅޭ ތެވެލި ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ:
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ތަޢުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މިމަގަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ ތަރައްޤީގެ މޮޑެލް މި މުޖުތަމަޢަށް ފެތޭތޯ ބެލުމާއި މުސްތަޤުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ޤައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް ދެއްވާ އިސްކަން ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިރާސާކުރުން ކުރިއެރުވުމާއި އެކަމަށް އެއްބާރުލުންދިނުމާއި ސުވާލުކުރުމާއި އިލްމު ހޯދުމަށާއި ގައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކުގައި މަސައްކަތްކޮށްގެން، ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީ ގޮތެއްގައި ފާގަތިކަމާ އެކު ކުރިއަރައި ދެވޭނެ އެވެ.

މިއީ ގައުމީ ޔުނިވަސިޓީން ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ ބާއްވާ ހަތް ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށްދަނީ މާދަމާގެ ނިޔަލަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ "ބްރިޖިން ބައުންޑަރީސް: އެކްސްޕްލޯރިން ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު