ޚަބަރު
ރައީސްގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ބޮޑުވަޒީރަށް އަރުވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް ފޮނުއްވެވި ސިޓީފުޅެއް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން އަލް ސައުދަށް މިއަދު އަރުވައިފި އެވެ.

މިނިސްޓަރު ޒަމީރު ސައުދީ އަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި ކަމަށްވާއިރު މިއީ ސައުދީގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީގެ ފޮރިން މިނިސްޓަރާއި މިއަދު ބައްދަލުކުރައްވާ ރައީސް މުއިއްޒު ސައުދީގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅެއް ހަވާލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޒަމީރު ވިދާޅުވި އެވެ.

މި ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ އިތުރުން ސައުދީ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އާ ބައްދަލުކުރަން ހަމަޖެހިފައިވާކަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު