ޚަބަރު
އާ ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާ: ފޮޓޯ: މަޖިލީސް
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމައި ގުޅިގެން އާ ޕީޖީއަކު އައްޔަން ކުރަން ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަން މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ރޭ ބޭއްވިއިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް އާ ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަން ޖެހޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ކުރިއަށް އޮޔް ތިރީސް ދުވަހު، މެންބަރުން ތިއްބަވާނީ ޗުއްޓީގަ އެވެ. އެކަން ފާހަގަ ކުރައްވާ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ރޭ ވިދާޅުވީ ޕީޖީގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް ދައުރުގެ ބޭރުން ދެ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

އެއީ އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ނަން އިއްވާ އެ މައްސަލަ ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވުމަށް ބާއްވާ ޖަލްސާ އާއި ކޮމެޓީގެ ނިންމުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އެވެ.

ނާޒިމް ވިދާޅުވީ މެންބަރުން މިއީ ޗުއްޓީ ދުވަސްވަރު ކަމުން ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރީން މެންބަރުންނަށް ނޯޓިސް ފޮނުވާނެ ކަމަށެވެ.

މި ދެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް ނާޒިމް ވިދާޅެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު