ޚަބަރު
ޕީޖީގެ މަގާމަށް ކުރިމަތިލެއްވި އައްބާސްގެ ނަން ކޮމިޓީ އަށް
ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އަކަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ބޮޑެތި ގިނަ މައްސަަލަތަކެއްގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. 

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މަޖިލީހުގައި ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު އިއްވައިފަ އެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމް މިދިޔަ މަހު 22 ގައި ހުސްވެފައިވާތީ އެ މަގާމަށް އައްބާސްގެ ނަން އެކަނި ހުށަހަޅާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީގައި ހިމަނާފައިވެ އެވެ. އެ ބޭފުޅުންނަކީ؛

- މަރްޔަމް ނިހާޔަތު، މ. ތާޖް

- އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ

- އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް

- އަހްމަދު ޔާމީން، ހ. ދިއްލީގެ

- އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.

އެ މަސައްކަތް ނިންމަން މިރޭ 9:30 ގައި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ. 

އެ މައްސަލާގައި އިތުރު ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު