ޚަބަރު
ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި
ގައުމީ ބޭންކް، ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތުކޮށް، ފުލުހުން އެ މައްސަލަ ބަލަން ނިންމީ ސިޔާސީ ނުފޫޒުން ކަމަށާއި މިހާރުން މިހާރަށް ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު އެ މައްސަލައިގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއަކަށް ހަދައި އާންމުންގެ އިތުބާރު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ރޭ ފުލުހުން ނެރުނު ބަޔާނުގެ ސަބަބުން އެ އިތުބާރު ގެއްލެން މަގުފަހިވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މިހާރު ފެންނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވާ ގޮތަކަށް ފުލުހުންގެ ކަންކަން ކުރަމުންދާ ތަން ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ގޮވައިލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަން ވެސް،" ފައްޔާޒު ވިދާޅުވި އެވެ. "ޕޮލިސް ބޮޑީގެ، ޕޮލިސް ސާވިސްގެ ހުރުމަތް ހިފެހެއްޓުމަށް ޓަކައި އެ މަނިކުފާނު އިސްތިއުފާ ވެސް އެބަ ދޭންޖެހޭ."

ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ބީއެމްއެލްއިން ނިންމި ނިންމުމަކީ އެ ބޭންކުގެ ވެރިން ބައިވެރިވެގެން ގެންނަން އުޅުނު ބަގާވާތެއް ކަމަށް ބުނެ، އެ ތަނުގެ ސީއީއޯ ކާލް ސްޓުމްކަ ވަގުތުން އިސްތިއުފާ ދެއްވަން ވެރިކަންކުރާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވަނީ ގޮވާލާފަ އެވެ.

ހަމަ އެ ދަނޑިވަޅާ ދިމާކޮށް ފުލުހުންގެ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބީއެމްއެލްއިން އެޅި ފިޔަވަޅާ ދިމާކޮށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއް ބަލަން ފަށާފައިވާކަން ހާމަކޮށްފަ އެވެ.

އެއީ ސިޔާސީ ޕޯޑިއެމްއެއްގައި އެކަނި ދައްކާލި ވާހަކައަކަށްވިނަމަ މިއަދު އިދިކޮޅުން ނިކުމެ އެވާހަކައިގެ ލަދުވެތިކަން ކިޔައިދޭން ނުޖެހުނީސްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެކަމަކު ފުލުހުންގެ އިދާރާގެ ތެރެއަށް ވެސް ނުފޫޒު ފޯރުވާ ބަޔާން ނެރޭ ހިސާބަށް ދިއުމުން އެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު