ޚަބަރު
އެމްޑީޕީ އަކީ ބަޣާވާތް ކުރާ ބައެއް ނޫން: ފައްޔާޒު
އެމްޑީޕީ އަކީ ބަޣާވާތް ކުރާ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް އާދިއްތަ ދުވަހު ނިންމި އެވެ. އެކަމަކު އެ ނިންމުން ހަމަ އެ ދުވަހު ބޭންކުން ބަދަލުކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށެވެ.

މި ބަދަލަކީ ބީއެމްއެލްގެ ބައެއް ބޭފުޅުން ބައިވެރިވެގެން ގެންނަން އުޅުނު ބަގާވާތެއް ކަމަށް ބުނެ، އެ ތަނުގެ ސީއީއޯ ކާލް ސްޓުމްކަ ވަގުތުން އިސްތިއުފާ ދެއްވަން ވެރިކަންކުރާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ސަރުކާރު ބަދަލުކުރުން ނޫން ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ރައްޔިތުންނާއި ހަމައަށް ސަރުކާރުން ކަންކަން ކުރާގޮތް ތަފްސީލުކުރުމާއި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ބަޣާވާތް ކުރާ ބައެއް ނޫން. އަޅުގަނޑުމެން މަގުމައްޗަށް ނިކުންނަނީ ސަރުކާރު ވައްޓާލާކަށެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ހާލަތު އަތުވެއްޖެ ނަމަ، މަގުމައްޗަށް ނިކުންނަނީ ސަރުކާރު ޒިންމާދާރުކުރުވައި، ސަރުކާރަށް ކަންކަމުގެ ވާހަކަ އަޑު އިއްވައި ސަރުކާރުގެ މިސްރާބު ބަދަލުކުރުމަށް ކަމަށެވެ. އެގޮތުން މިހާރުވެސް ތަފާތު އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ސަރުކާރަށް މެސެޖުތައް ދެވޭތޯ ބަލަމުންދާ ކަމަށާއި އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއިރަށް ސަރުކާރު ތުރުތުރުއަޅައި، ބަޣާވާތް ކުރަން އުޅެނީއޭ ބުނާ ހިސާބަށް ދިޔުމަކީ ދަށް ފެންވަރުގެ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ ފުލުހުން އެ މައްސަލަ ބަލަން ނިންމީ ސިޔާސީ ނުފޫޒުން ކަމަށާއި މިހާރުން މިހާރަށް ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު އެ މައްސަލައިގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު