ކޮލަމް
ލޭނު އެޅުން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް މޮޅެއްތަ..؟
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ފޭސް ބުކް ޕޭޖުން ނަގައިފައިވާ ފޮޓޯ އެއް
ބައިނަލްއަގްވާމީ ގޮތުން ބޮޑެތި އިންޒާރުތަކާއި ތިމާވެށީގެ ކަންބޮޑުވުންތައް ހުއްޓާ، ވަރަށް ހަލުވިކަމާއެކު ލޭން މަސްވެރިކަން އަލުން ފެށުމަށް ނިންމުމުން، ގައުމުގެ މަގުސަދާއި މެދު މުހިންމު ސުވާލުތަކެއް އުފެދެ އެވެ. ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުން ފޭބީއްސުރެން ފެށިގެންކަހަލަ ގޮތަކަށް މަސައްކަތް ކުރަމުން އައީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މަސް އެކްސްޕޯޓް ކުރުމުން ނަގާ ޓެރިފް ކުޑަކުރުމަށް މަޝްވަރާ ކުރުމަށެވެ. އެދެވޭ ނަތީޖާއެއް ނުލިބި ދިގުދެމިގެންދިޔަ މި މަސައްކަތުން ދައްކުވައިދެނީ ވިޔަފާރީގެ ގޮތުން ރަނގަޅު ޝަރުތުތަކެއް ހޯދަންޖެހޭކަމެވެ.

އަލުން ލޭން މަސްވެރިކަން ފެށުމަށް ކުރާ މަސައްކަތަކީ އިގްތިސާދީ މުހިއްމު ފިޔަވަޅެކެވެ. ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލިފަދަ އަގުބޮޑު ބާވަތްތަކަށް އަމާޒުކޮށްގެން ލޭން މަސްވެރިކަން ކުރުމަކީ އެތެރޭގެ މަސްވެރިންނާއި އަދި މުޅި މަސްވެރިކަމުގެ ސިނާއަތަށް މާލީ ގޮތުން ބޮޑު ފައިދާތަކެއް ލިބޭނެ ކަމެކެވެ. އެކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ އެތެރޭގެ އިގްތިސާދު ކުރިއަރުވައި، ވަޒީފާ އުފެދި، އެކްސްޕޯޓް ކުރުމުގެ ފުރުސަތުތައް އިތުރުވެދާނެ ކަމެކެވެ. ނަމަވެސް އެ ނިންމުމަކީ ދެބަސްވުމެއް ނެތް ނިންމުމެއް ނޫނެވެ.

ތިމާވެށީގެ ޖަމާއަތްތަކާއި ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެނީ ލޭން މަސްވެރިކަމުގެ ސަބަބުން އިކޯލޮޖިކަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެމީހުންގެ ކަންބޮޑުވުމަކީ އެކަށީގެންނުވާ މިންވަރަށް ނުވަތަ މާގިނައިން މަސްވެރިކަން ކުރުމާއި، ކަނޑުގެ ކާނާގެ ޗޭންތަކަށް ބުރޫއަރާނެ ކަމާއި، އޭގެ ސަބަބުން މިޔަރު ފަދަ ނެތިދިއުމުގެ ނުރައްކާތެރި ބާވަތްތައް ހިމެނޭ ގޮތަށް ބޮޑެތި "ބައިކެޗް" ތަކެއް އުފެދިދާނެ ކަމަށެވެ. މި ކަންބޮޑުވުން އިތުރަށް ގޯސްވަނީ ބައިނަލްއަގްވާމީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށް، އީޔޫއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް ނުވަތަ އިތުރު ހުރަސްތަކެއް އަޅަން ޖެހިދާނެތީ އެވެ.


ލޭނުމަސްވެރިކަން އަލުން ފެށުމަށް "އިގްތިސާދު އިނދަޖެހިފައިވާ ގައުމު" ހިންގަން ތިއްބެވި ސަރުކާރުގެ ވެރިންގެ ވިސްނުން ގެންގުޅުއްވާއިރު ފާހަގަވާ މުހިއްމު އަނެއް ކަމަކީ ބާރުގަދަ ބައެއް ވިޔަފާރިވެރިންގެ މަސްލަހަތުތަކާއި އެމީހުންގެ ނުފޫޒެވެ. މަސް އެކްސްޕޯޓްކުރާ އަދި ޕްރޮސެސަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަމިއްލަ ކުންފުންޏަކުން މިސަރުކާރު ގެނައުމަށްޓަކައި މާލީ ގޮތުން ބޮޑު ހަރަދުތަކެއް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި އެމީހުން ރުއްސުވުމަށްޓަކައި ސަރުކާރަށް ލޭން މަސްވެރިކަމުގެ ހުއްދަ ދިނުމަށް ޕްރެޝަރު ކުރި ކަމަށް ތުހުމަތު ކުރެވޭ ވާހަކަ އެވެ. 

މީގެ އިތުރުން، ރާއްޖެ އޮތް ޖިއޮގްރަފީ ޕޮއިންޓުންނާއި މުޅި ދުނިޔޭގެ މާފިޔާ އެކި ނެޓްވޯކްތަކުން "ބައިޗެކް" ގެ ތެރެއިން ލޭނުގައި ޖެހިފައިހުންނަ މަސްތައް ހޯދުމަށް މިސަރަހައްދުގައި ލޭނުމަސްވެރިކަން ކުރާނެ އެވެ. ހާއްސަކޮށް ޕޯޗުގީޒުންނާއި ސްޕެއިނަކީ މިހާރުވެސް މިސަރަހައްދުގައި ލޭނުގެ މަސްވެރިކަން ކޮށްއުޅޭ ބަޔަކަށްވެފައި މިފަދަ ކަމެއް ހިނގައި ފަހަރުގައި ރާއްޖޭގެ ނަން ކިލަނބުވެދާނެ އެވެ. 

އެހެންނަމަވެސް، އެނަޒަރުން ބަލާއިރު، ވަކި ޝަރުތުތަކާއެކު "ހާއްސަ" ހުއްދައެއްގެ ދަށުން ރާއްޖެއަށްވެސް މަންފާވާ ގޮތަށް ބޭރުގެ ނެޓްވޯކްތަކުން ލޭނުމަސްވެރިކަން މިސަރަހައްދުގައި ކުރެވިދާނެ އެވެ.

އެކަމަކު މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން ކުރަމުންދާ ދޮށީގެ މަސްވެރިކަން ވަރަށް ބޮޑަށް ހީނަރުވެދާނެ ކަމެއްކަން ހަނދާންކުރަން އެބަޖެހެ އެވެ. ލޭނުއަޅާ މީހުން މޮނިޓަރ ކުރާނެ ކަމަށް ސަރުކާރުން ބުންޏަސް ވަސީލަތްތައް ހުރިގޮތުން އެކަމެއް އަދިނުވާނެ އެވެ. އެފެންވަރެއް ރާއްޖޭގެ ދިފާއީ ބާރަކު ނުވެސް ނެތެވެ. ކުރިޔަށް އޮތް 15 އަހަރުގައިވެސް މި ސަރަހައްދީ ކަނޑު ދިވެހިންނަކަށް އެންމެ ފުރިހަމަޔަށް މޮނިޓަރ ނުކުރެވޭނެކަމީ މުޖައްރިބު ކަމެކެވެ. 

އެހެންކަމުން ބޭރުގެ ބޮޑެތި ލޭނު މަސްވެރިކަންކުރާ ކުންފުނިތަކާއި އަދި ވަގުބޯޓުތަކުންވެސް ގަވާއިދާ ހިލާފަށް ގިނަ މަސް ހިފުމުގެ ނިޔަތުގައި ދާ އަޅާނެ އެވެ. އޭގެ ދަލެއްގެ ސައިޒު ފަހަރުގައި ގިނަ ބަޔަކަށް ނޭނގިފައި އޮވެދާނެ އެވެ. މަސްހިފަން އުޅޭ ބޭރުގެ ބޯޓުފަހަރުތަކުގައި ގެންގުޅޭ ދަލުގެ ސައިޒަކީ އެންމެ ބުރަކުން މުޅި މާލޭގެ ބޮޑުމިނުގެ ސަރަހައްދެއް އެދަލަށް އަރާނެ އެވެ. އެއަށް ކަޅުބިލަމަސްވެސް އަރާނެ އެވެ. ލޭނު އެޅުމުގެ ނަމުގައި އެފަދަ ޖަރީމާތައް ހިންގާނެ އެވެ. މީގެ ކުރީ ފަހަރުތަކުގައިވެސް ލޭނު އަޅަން ހުއްދަ ދިނީމާ އެފަދަ ކަންތައްތައް ހިންގާފައި އެބަހުއްޓެވެ. އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުން އެމީހުންގެ ޑޭތާތައްވެސް ސަރުކާރަކަށް ނުދެ އެވެ. މިސަރަހައްދުގައި ޖިނާއީ ކުށްތައް އެފަދަ ބޯޓުފަހަރުތަކުން ހިންގާކަމަށް ތުހުމަތު ކުރެވޭއިރު އެތަކެއްޗާއި މާފިޔާ ނެޓްވޯކުތަކާއި ގުޅިފައި އޮތުމުގެ ފުރުސަތުވެސް އެބައޮ ތެވެ. މިއަދު ދުނިޔޭގެ އެފަދަ ނެޓުވޯކުތަކުން ސްމަގްލިންގ އަށް ބޭނުންކުރާ އެއް އުކުޅަކީ މަސްވެރި ބޯޓުފަހަރުގައި ކަނޑުމަގުން ޖިނާއީ ކުށްތައް ހިންގުން ކަމަށްވާއިރު، ދިވެހި ހުރިހާ އެންޖީއޯތަކުންނާއި މަސްވެރިން ލޭނުމަސްވެރިކަމާއި ދެކޮޅު ހަދާއިރު މިނިސްޓްރީން މިވަރަށް އެކަން ކުރަން ހުއްދަ ދޭންމިއުޅޭ ސަަބަބާއިމެދު ސުވާލު އުފެދެ އެވެ. ލޭނުއަޅައިގެން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އޮތީ ކޮން މޮޅެއް ހެއްޔެވެ؟ މަހުގެ ގޮތުގައި ޓަނުން ޓަނުން "މާވަހަރު" ޓްރެފިކްކުރުމަށް ފުރުސަތު ދިނުމަކީ އެކަމުން މާލީ މަންފާއެއް ނުލިބޭނެ ކަމެކޭ ނުދެންނެވޭނެ އެވެ. ރާއްޖޭގެ އިގްތިސާދަށް "ހާއްސަ ހުއްދައިގެ ދަށުން" މިރޮނގުން ފައިދާ ވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު