ޚަބަރު
އަގުސާ މިސްކިތް ހުރި ތަނުގައި ޔަހޫދީންގެ ފައްޅިއެއް އަޅަން ބުނުން ކުށްވެރި ކޮށްފި
މަސްޖިދުލް އަގުސޯ އާއި އެތަނުގެ ހަރަމް
މުސްލިމުންގެ މުގައްދަސް އެއްބިނާ ކަމަށްވާ އަލްމަސްޖިދުލް އަގްސާ ހުރި ތަނުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގުވިރް ބުނި ބުނުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން ގްވިރްއަކީ އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އަޅުކަން ނުކުރުމަށް ޔަހޫދީންނަށް އިސްރާއީލު ސަރުކާރުން އަންގާފައި އޮންނަ އެންގުމާ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ހިލާފުވެފައިވާ މީހެކެވެ.

އޭނާ ހޯމަދުވަހު އާމީ ރޭޑިޔޯއަށް ބުނީ އޭނާއަށް ވެގެންވާނަމަ އިސްލާމްދީނުގައި ހުރުމަތްތެރިވެގެންވާ މުގައްދަސް މިސްކިތް ހުރި ތަނުގައި ޔަހޫދީން އަޅުކަންކުރާނެ ތަނެއް ބިނާކުރާނެ ކަމަށެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެެއްގައި ބުނީ އަގްސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ރޫހާނީ އަދި ތާރީހީ ގޮތުން އިންތިހާއަށް މުހިންމު މިސްކިތެެއް ކަމަށާއި އެއީ ހަމައެކަނި ދީނީ އަޅުކަންކުރާ ތަނެއް ނޫން ކަމަށްވާއިރު އެއީ އިސްލާމީ ހަޟާރަތުގެ މުހިންމު ބިނާއެއް ކަމަށެވެ.

އިޒްރޭލު ސަރުކާރުގެ އިސްވެރިން ދައްކާ އެފަދަ ވާހަކަތަކުގެ ސަބަބުން ގާޒާ އަށް ސުލްހަ ގެނައުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރައި، އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހި ސަރުކާރު އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށާއި ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އިން މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ޔަހޫދީންނާއި މުސްލިމު ނޫން އެހެން މީހުންނަށް އަޤްޞާ މިސްކިތަށް ވަކި ގަޑިތަކެއްގައި ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެ މީހުންނަށް އެ ތަނުގައި ދީނީ ކަންކަން ކުރުމުގެ ހުއްދައެއް ނޯވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު