ޚަބަރު
އެމްބަސީ ކައިރިއަށް އެއްވި މީހުން ހައްޔަރު ކުރި ސަބަބު ފުލުހުން ބުނެފި
ޝާދިޔާއާއި ޑރ. ޝަޒުރާ އިހުތިޖާޖު ކުރުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންގެންދާ ގަތުލުއާންމުތަކާ ދެކޮޅަށް ވަރަށް ގިނަ އިން އަޑު އުފުލަމުން އަންނަ ދެ ދިވެހިން ކަމުގައިވާ އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒުރާ އިބްރާހިމް ހައްޔަރުކުރީ ޑިޕްލޮމެޓިކް މިޝަންތަކަށް އެއްވެ، އަޑުގަދަ ކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ހުތުރު އެއްޗެހި ކިޔައި ސަފީރަކަށް އުނދަގޫ ކުރުމާ ގުޅިގެން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލަމުންދާ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު މެންދުރުފަހު އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުން ކަމަށެވެ. އެގޮތުން ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން އަމަލު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން އެކަން ނުހުއްޓާތީ އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެެވެ.

"އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަކަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލްތަކެއް ހިންގަމުން ގެންދިޔުމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް, ފުލުހުން އެ ދެ އަންހެނުން އުނދަގޫކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝަޒްރާ އާއި ޝާދިޔާ ހައްޔަރު ކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުއްވެރިކޮށްފަ އެވެ. އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލާއި އެކަމަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް މަސްޖިދުލް އަގްސާގެ ދިފާއުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމު ނޫން މީހުން ވެސް މި މައްސަލާގައި އިންސާނިއްޔަތަށްޓަކައި ވެސް އަޑު އުފުލަމުންދޭ،" އެ ޕާޓީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު