ޚަބަރު
ޝަރުތުތަކާއެކު ޑރ.ޝަޒްރާ އާއި ޝާދިޔާ ދޫކޮށްލައިފި
މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށް، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް ބަންދުކުރި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ޝާދިޔާއާއި ޝަޒްރާ ހައްޔަރުކޮށްފައިވަނީ އެމީހުން އެއްވެ ތިބި ސަރަހައްދުގައި އަޑުގަދަ ކުރަމުން ދިއުމުން، އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިޖާބަނުދީ، ފުލުހުންގެ ވާޖިދު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އެމީހުން ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކުން އުނދަގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައެވެ.

ޝާދިޔާ، 47، އާއި ޝަޒްރާ، 36، ހައްޔަރު ކުރުމުން އެކަން އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުށްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލި އެވެ. ނަމަވެސް އެ ބަޔާންތަކާއެކު ސަރުކާރުން ވަނީ ޑިޕްލޮމެޓުންނަށް އުނދަގޫނުކޮށް ފަލަސްތީނަށްޓަކާ އަޑުއުފުލޭނެ ކަމަށް ބުނެ ފުލުހުންގެ އަމަލު ދިފާއުކޮށްފަ އެވެ.

ޝާދިޔާއަކީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ. އޭނާ ހައްޔަރުކުރުމާއެކު އިޔާޒު ވެސް ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރައްވާފަ އެވެ.

ޝާދިޔާ އާއި ޝަޒްރާ ދިޔައީ އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީ އާއި ރާއްޖޭގައި ހުންނަ ޔޫއެން އޮފީގެ އިތުރުން އިނގިރޭސިވިލާތު އެމްބަސަޑަރު އަދި ސައުދީ އެމްބަސެޑަރު ހުންނަވާ ގެކޮޅު ކައިރީ މެދުކެނޑުމެއްނެތި އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ. މި ދެ މީހުން ހައްޔަރުކުރުން ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު