ޚަބަރު
ޕީޖީގެ މަގާމަށް ގާތް މީހަކު ގެންނަން މަސައްކަތެއް ނުކުރަން: އަބްދުއްރަހީމް
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ މަގާމަށް ގާތް ބޭފުޅަކު ގެންނަން ހުށަހަޅުއްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމަށް ކޮންމެ މީހަކު އައްޔަން ކުރިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ އާއިލާގެ މީހަކު އެ މަޤާމަށް އައްޔަން ކުރަން މައްސަކަތް ކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް ބިރު ހީވެފައި ވަނީ އެ މަގާމަށް އާއިލީ ބޭފުޅަކު އަތުވެއްޖެ ނަމަ، ބައެއް މައްސަލަތައް އަވަސް ސްޕީޑުގައި ކުރިއަށް ގެންގޮސްފާނެތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށްފާނެތީ އެއްވެސް ޖެހިލުމެއް ނުވާ ކަމަށާއި އެ ފައިސާގައި ޖެހިފައިނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވުމެއް ނުވޭ އެމްއެމްޕީއާރުސީގެ މައްސަލަ ބަލާފާނެ ކަމަށް. އަޅުގަނޑަށް 100 ޕަސެންޓް ޔަގީން އެ މައްސަލައިގައި އަޅުގަނޑުގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް،"

އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމަށް ޔާމީން ވަޑައިގެން އެ މައްސަލަތައް އިންސާފުވެރިކަމާ އެކު ތަހުގީގު ކުރެއްވިޔަސް، ކުށެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.

ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި ޕީޖީގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަބްދުއްރަޙީމްގެ ދަނބިދަރިކަލުން އެ މަގާމަށް ހަމަޖެއްސުމަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް އެ މަޤާމުން ވަކިކުރުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު