ޚަބަރު
ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހެއް ހުކުމުން އުނިކުރަނީ
ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިނިސްޓްރީ
ހުކުމް ތަންފީޒު ކުރާ މީހުން ރިހިބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހެއް ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވަން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިހްސާން ވިދާޅުވީ ގައިދީންނަކީ ހަމައެކަނި "ތޭރިތަކުގައި ބަންދުކޮށްގެން" ގެންގުޅޭ ބަޔަކަށް ހެދުމަކީ ވިސްނުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ނިންމާފައި ވަނީ، މުޖުތަމައަށް އަނބުރާ އެ ގައިދީން ނުކުންނަންވާ އިރަށް މަސައްކަތްތެރި އަދި އުފެއްދުންތެރި ބަޔަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ޖަލުގައި ގައިދީން މަސައްކަތެއް ދަސްކުރަން ހޭދަ ކުރާ ކޮންމެ ދުވަހަކީ އެމީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން އުނިވާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

"މިކަން ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުސޫލުތައް ކަރެކްޝަނަލް ސާވިސަސް އިން ވަރަށް އަވަހަށް ކަނޑައަޅައި ހުރިހާ ގައިދީންނަށް އަންގާނެ،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައިދީން ޖަލުގައި ގިނަ ދުވަސްތަކަކު ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު ބޭނުންވަނީ ޖަލުން ނިކުންނަ ކޮންމެ ގައިދީއަކީ ވެސް މުޖުތަމައަށް ބޭނުން ހިފޭ ކޮންމެވެސް މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އިހްސާން އިތުރަށް ވިދާޅުވީ ގައިދީން ރިހިބިލިޓޭޓް ކުރުމަށް މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ޕްރޮގްރާމުތައް ޒަމާނާ އެއްގޮތަށް ބަދަލުކުރާނެ ކަމަށެވެ.

މާފުށީ ޖަލުގައި މިއަދު ހުޅުވި "ދިވެހި ސަގާފީ ގޯތިން" އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ މަސައްކަތަކާއި ސަގާފީ ގިނަ މަސައްކަތްތައް ދަސްކޮށްދޭނެ އެވެ. އޭގެެތެރޭގައި ފަންގިވިނުމާއި އޮޑި ބަނުމާއި ތިލޭރުކަމާއި ކަސަބު ވިޔުން ފަދަ ކަންކަން ހިމެނެ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު