ޚަބަރު
އަބްދުއްރަހީމް، ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް އުރުދުޣާނަށް އަރުވައިފި
އަބްދުއްރަހީމް ތުރުކީގެ ރައީސް އުރުދުޣާން
ރާއްޖެ އިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް، ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއަށް މިއަދު އަރުވައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާން އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައި، ތުރުކީން ރާއްޖެ އަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.

އަދި އެކި ދާއިރާތަކުން ރާއްޖެ އާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ ރައީސް އުރްދުޣާން އަށް އެރުވިއެވެ. ރާއްޖެ އިން ތުރުކީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމުން އޭނާ ވަނީ ރައީސް އުރުދުޣާން ތަހުނިޔާ ވިދާޅުވިއެވެ.

އަދި ރާއްޖެ އާއި ތުރުކީ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.

އަބްދުއްރަހީމްއަކީ ދިވެހިރާއްޖޭގެ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި މެދުނުކެނޑި 39 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

ރާއްޖެ އިން ފުރަތަމަ ފަހަރަށް ތުރުކީގައި އެމްބަސީއެއް ހަދަން ނިންމީ މި ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރު 10 ގަ އެވެ.

މި ސަރުކާރުން ވަނީ ތުރުކީ އާ ވަރަށް ގާތް ގުޅުމެއް ގާއިމްކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު