ޚަބަރު
ސިނަމާލެ ބުރިޖަށް ހަ އަހަރު، ޗައިނާ-ރާއްޖެ ގުޅުމުގެ ރަމްޒެއް
ސިނަމާލެ ބުރިޖު ރަމްޒުކޮށްދެނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުންކަމަށާއި، އެއީތަރައްޤީގައިވެސް ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސިނަމާލެ ބުރިޖު ނުވަތަ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަށް 6 އަހަރު ފުރުމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް ވިދާޅުވީ، ބުރިޖަކީ ފާހަގަކޮށްލެވޭ އިންޖިނިއަރިންއެއް ކަމަށާއި އެ ތަނަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ފާލަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ.

"ދެ ގައުމުގެ މެދުގައި ދެމިއޮތް އެކުވެރިކަމާއި ދެ ގައުމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ސިނަމާލެ ބުރިޖަކީ އެއްބަވައިންތަކަމާއި ކުރިއެރުމުގައި ދެ ގައުމުން ހިއްސާކުރާ ތަޞައްވުރުގެ ހެކިތަކެއް ކަމަށެވެ. އަދި، މި ބުރިޖަކީ ދެ ގައުމުގެ އެއްބާރުލުން ދިނުމުގެ ނިޝާނެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވެސް ޚިދުމަތްކުރާނެ ކަމަށް އެ މަނިކުފާނުގެ ޕޯސްޓުގައިވެ އެވެ.

ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. ބުރިޖުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ބުރިޖު ހުޅުވީ އޯގަސްޓް 30، 2018 ގައެވެ. 

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަޅަން 200 މިލިއަން ޑޮލަރު ހަރަދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ 116 މިލިއަން ޑޮލަރާއި ލޯނު އެހީގެ ގޮތުގައި އެގައުމުން ދިން 72 މިލިއަން ޑޮލަރެވެ. މި މަޝްރޫއުއަށް ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދު ކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު