ޚަބަރު
އދ.ގެ އެޓޮމިކް އޭޖެންސީގައި ރާއްޖޭން ބައިވެރިވަނީ
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ ލެބޯޓަރީއެއް
ރާއްޖޭގައި ގާއިމުކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލަށް ބޭނުންވާ ބޭހާއި އާލާތްތައް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގައި ރާއްޖޭން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ކެބިނެޓް ބައްދަލްވުމަށް ފަހު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އައިއޭއީގައި 178 ގައުމަކުން ބައިވެރިވެފައިވާ ކަމަށާއި މި ސަރަހައްދުން އެ ޖަމިއްޔާގައި ބައިވެރިނުވެ އޮތީ ރާއްޖެ އާއި ބޫޓާން އެކަނި ކަމަށެވެ. އެހެން ކަމުން އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އައިއޭއީއޭގައި ބައިވެރިވުން ރާއްޖެއަށް މުހިންމު ވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޖެންޑާގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުން އޮތްއިރު، އެކަމަށް ބޭހާއި އިކުއިޕްމެންޓް ހޯދަން މި އެޖެންސީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެތީ ކަމަށެވެ.

"ކެންސަރު ހޮސްޕިޓަލްގެ ބައެއް އިިކުއިޕްމެންޓު ހޯދުމާއި، ވޭސްޓް މެނޭޖުކުރުން ފަދަ ކަންކަން ހިމެނޭނީ އެޓޮމިކް އެޖެންސީގެ މެންޑޭޓުގެ ތެރޭގަ. އެހެންވެ އެ އެޖެންސީއާ ގުޅުމުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރާނީ. އެކަމަކު އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑިފެންސް މިނިސްޓްރީން. އެއީ ކެބިނެޓުން ކަނޑައަޅާފަ އޮތް ގޮތަކީ،" އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ކެބިނެޓުގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމުން އެ ޖަމިއްޔާގައި ރާއްޖޭން ބައިވެރިވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕްލޭނެކެވެ. ހޮސްޕިޓަލް އަޅަން ފުރަތަމަ ނިންމީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގަ އެވެ.

ނަމަވެސް، ޑޮކްޓަރުންގެ ކަންބޮޑުވުންތަކާ ހެދި މި ސަރުކާރުން ވަނީ، ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު