ޚަބަރު
ޑޮލަރުން މުސާރަ ދިނުން ހުއްޓާލާ، ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުންފުނިތަކަށް މިއަދު އަންގައިފި އެވެ.

ޕީސީބީ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

މި ދަނޑިވަޅުގައި ސަރުކާރުން ޚަރަދު ހަމަމަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޚަރަދު ވީހާ ވެސް ކުޑަކުރުމަކީ މުހިންމުކަމެއް ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން:

މުވައްޒަފުންގެ ހަރަދު

  • ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވާ އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން.
  • ޕީސީބީގެ ހުއްދައާ އެކު މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން.
  • ރަސްމީގަޑީގައި މަސައްކަތްތައް ނިމޭގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގެ މަސައްކަތް ނުކުރުން.
  • ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން.
  • ތަމުރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުންކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުން.
  • ކޮންމެހެން މި ވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން.
  • ޑިޕާޓްމަންޓްތަކުގެ މަސައްކަތަކަށް ބަލައި މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަންޖެހޭ ޕްރޮޖެކްޓުތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގައި ބޭނުންކުރުން.
އެހެނިހެން ހަރަދު؛

  • ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަންކުރުން އަދި ކަރަންޓު ހަރަދު ކުޑަކުރުން.
  • ކަރުދާހާއި ސްޓޭޝަނަރީޒްއަށް ކުރާ ހަރަދު ކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލްކޮށްކުރުން.
  • އިވެންޓުތަކުގެ ރިފްރެޝްމަންޓުތަކަށް ކުރާ ހަރަދު ވީހާސްވެ ކުޑަކުރުން.
  • ކުންފުނީގެ އެނުއަލް ޕްރޮކިއުމަންޓު ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއުމަންޓު ހިންގުން.
  • ސީއެސްއާރު އަދި ސްޕޮންސާޝިޕަށް ކުރާ ހަރަދުތައް ކުޑަކުރުން.
  • ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިންވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވާ އިތުރު ހަރަދުތައް މިވަގުތަށް ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތް ރޭވުން.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެކަންޏެވެ. އެ ކުންފުނީގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

އެ ނިންމުމުގެ ކުރިން އެމްއޭސީއެލްގައި ޖުމްލަ 4،264 މުވައްޒަފުން ތިއްބެވެ. އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅަ އެއްބައި މިހާތަނަށް ދެމުން ގެންދިޔައީ ޑޮލަރުންނެވެ.

ޕީސީބީން މިފަދަ ނިންމުމެއް ނިންމީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ. އެގޮތުން މި ފަހުން ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކު، ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކަށް ދެމުންދިޔަ ޑޮލަރު ސަޕޯޓު ކަނޑާލަންވެސް އެ ބޭންކުން ނިންމި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފާވާއިރު، ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލައި، އެހެން ކުންފުނިތަކެއް އުވާލަން ވެސް މި ހަފުތާގެ ތެރޭގައި ކެބިނެޓުން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު