ޚަބަރު
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާ ބެހޭ މުއާހަދާގައި ސޮއިކޮށްފި
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއަހަދާ، (ބީބީއެންޖޭ މުއާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ. 


އދގެ މައިމަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އދގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ގާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގާނޫނީ މަސްދަރެއް އެކުލަވާލުމަށް އދގެ އާންމު މަޖިލީހުން ނިންމީ 2015 ވަނަ އަހަރު އެވެ. އޭގެފަހުން 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ގާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫއު އެކުލަވާލުމަށްފަހު ޖޫން 19، 2023 ގައި ގާނޫނީ މަސްދަރު މުއާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެ އެވެ.

މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ވެސް ހޯދާފައިވެ އެވެ. މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މޭމަހުގެ 13 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސޮއިކޮށްފައިވާ މުއާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިޖުރާއަތު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްވެސް މި މުއާހަދާގައި ހިމެނިފައިވާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އޭގައި ހިމަނާފައިވާ ކަމަށެވެ.

އަދި މި ކަންކަމަކީރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުއާހަދާގައި ބައިވެރިވުމުން ރާއްޖެ އަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު