ޚަބަރު
ގަވާއިދާ ހިލާފަށް ހުޅުމާލޭ މަގުތަކުގައި ހުރި އުޅަނދުތައް މާދަމާ ނަގަނީ
މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް
ގަވާއިދާ ހިލާފަށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް މާދަމާ ނެގުމަށް ނިންމާފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ މަގުތަކާއި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކޮށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާ ގުޅިގެން ފަށަން ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް މާދަމާ ހެނދުނު 8:00 އިން ފެށިގެން ކުރިޔަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ ސަހަރާ ކުރިމަތީ އޮތް 90،000 އަކަފޫޓުގެ ބިން ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭނުމަށް ދޫކޮށްފަ އެވެ.

އޭގެ ތެރެއިން 50،000 އަކަފޫޓު ބިން ވެހިކަލް ޕާކު ކުރަން ކަނޑައަޅާ އިރު 40،000 އަކަފޫޓު ބޭނުން ކުރާނީ ފުލުހުން ޓޯ ކުރާ ވެހިކަލްތައް ބެހެއްޓުމަށެވެ.

މަގުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ގަވައިދާ ހިލާފަށް އުޅަނދު ޕާކުކޮށްފައި ބާއްވާ މައްސަލަ ބޮޑުވެގެން އާންމުން އަބަދު ވެސް އެކަމުގެ ޝަކުވާ ކުރެ އެވެ. އެގޮތަށް ހުންނަ ވެހިކަލްތަކުގެ ސަބަބުން މަގުގައި ދުއްވަން އޮންނަ ޖާގަ ކުޑަވެ، ހިނގާ މީހުންނަށް އުނދަގޫވެ، އެކްސިޑެންޓުގެ ހިރާސް ވެސް ބޮޑުވެ އެވެ.

ފަހަކަށް އައިސް އާދަޔާހިލާފަށް އެކްސިޑެންޓުތައް ގިނަވުމާ އެކު، މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން އެކްސިޑެންޓު ގިނަ ސަރަހައްދުތަކުގައި ފޯރިމެރުމާއި، ޗެކްޕޮއިންޓްތައް އިތުރުކުރުމާއި ގަވައިދުތަކާއި ގާނޫނުތަކަށް ބަދަލު ގެންނަން ނިންމުން ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު