ޚަބަރު
ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސްއަށް ފުލުހުން އެދެފި
ތަސްލީމް.
ކ. ހުވަފެންފުށީގެ ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިފައިވާ ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޯލްގެ ފަރާތުން ޔެލޯ ނޯޓިސް ނެރެދިނުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތަސްލީމް ހޯދުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފްގެ ޑައިވް ޓީމުތަކުން އެ ފިނޮޅުގެ މޫދާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދު ހިމެނޭހެން ތިން ދުވަސް މަތިން ޖުމުލަ 943،998 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.

ތަސްލީމު ހޯދުމަށްޓަކައި އޭނާ އާއެކު ފިނޮޅަށް ދަތުރުދިޔަ މީހުންގެ އިތުރުން އެތަނަށް ދަތުރުދިޔަ އެހެން ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، ތަހުގީގު ބޭނުމަށް ތަސްލީމުގެ ފޯނާއި ލެޕްޓޮޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔުމަށް ތަސްލީމު އާއި އިތުރު ބަޔަކު ބޭނުން ކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން ތަހުގީގުގައި، ތަސްލީމު މުހައްމަދާ އެކު ދަތުރުދިޔަ މީހުންނާ ސުވާލުކުރުމުގެ އިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގްރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވެ އެވެ. އަދި ތަސްލީމް މުހައްމަދު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލްކުރުމުގެ މަސައްކަތް ފަށައި ތަސްލީމް މުހައްމަދާއި އިތުރު ބަޔަކު ދަތުރު ދިއުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވެ އެވެ."

ތަސްލީމްމެން ދަތުރުދިޔަ ފަސްގަނޑު ބަލަން މެރިން ޕޮލިހާއި އެމްއެންޑީއެފް ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ޖުމްލަ 943،998 އަކަ މީޓަރުގެ ސަރަހައްދެއް ވެސް ޑައިވްކޮށްގެން ބަލާފައިވެ އެވެ. އޭގެ އިތުރުން މާލޭގައި ތަސްލީމް އާއްމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްގެން ވެސް އޭނާގެ ހަބަރެއް ނުވި ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، އޭނާ ހޯދުމަށް އިންޓަޕޯލް ރީނދޫ ނޯޓިސްއަށް ވަނީ އެދިފަ އެވެ.

ރީނދޫ ނޯޓިސް އަކީ މީހަކު ގެއްލުމުން އެ މީހާއާ ބެހޭ ގޮތުން މައުލޫމާތެއް ލިބިއްޖެ ނަމަ ހިއްސާކޮށްދިނުމަށް އެދި ނެރޭ ބައިނަލްއަގުވާމީ ނޯޓިސްއެކެވެ. އެއީ އާއިލާއިން ނުވަތަ ކުށްކުރާ ބަޔަކު މީހަކު ހިފަހައްޓައި ނުވަތަ ކިޑްނެޕްކޮށްފައިވާތީ ނުވަތަ ވީނުވީއެއް ނޭނގިފައިވާތީ އެ މީހަކު ހޯދުމުގައި އެހީތެރިކަމަށް އެދި ނެރޭ ނޯޓިސްއެކެވެ.

ފުލުހުން ބުނީ ތަސްލީމް ގެއްލުނު ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގަށް ލިބެމުންދާ ކުރިއެރުން ތަސްލީމުގެ އާއިލާއާ ހިއްސާ ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު