ވިޔަފާރި
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000ރ.
އެމްއޭސީއެލް މުވައްޒަފުން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަހަރީ ބޯނަށް 25،000ރ. ޖަމާކުރަން ފަށައިފި އެވެ.

އެ ކުންފުނިން މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް ރަނގަޅު އުސޫލެއް ގެންގުޅޭއިރު، ފާއިތުވި ތިން އަހަރު އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން 25،000 ރުފިޔާ ބޯނަސްގެ ގޮތުގައި ދީފަ އެވެ.

މި އަހަރު ވެސް އެމްއޭސީއެލުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގައި މަސައްކަތްކުރި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ޖަމާކޮށްދޭން ފަށައިފަ އެވެ.

މިހާތަނަށް އެމްއައިބީގެ އެކައުންޓްތަކަށް މުސާރަ ޖަމާވާ މުވައްޒަފުންނަށް މުސާރައާއެކު ބޯނަސް ލިބިފައިވާ ކަމަށް އެ މުވައްޒަފުން ބުނެއެވެ. އަދި ބީއެމްއެލްގެ މުވައްޒަފުންނަށް މިއަދުގެ ވަގުތެއްގައި ވާނެ ކަމަށް އެ މުވައްޒަފުން ބުނެ އެވެ.

އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައިގެންނެވެ. ނަމަވެސް، އަހުލާގީ މައްސަލައެއްގައި އެ މުއްދަތުގައި ވަޒީފާއިން ވަކިކޮށްފައިވާ ނަމަ އެފަދަ މުވައްޒަފުންނަށް ބޯނަހެއް ނުލިބޭނެ އެވެ.

އެމްއޭސީއެލް ފާހަގަ ކުރެވެނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުނީގެ ގޮތުގަ އެވެ.

މިދިޔަ އަހަރު އެމްއޭސީއެލް އަށް ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 20 ޕަސެންޓުގެ ކުރި އެރުމެކެވެ. އެ ކުންފުނީގެ 2022 ވަނަ އަހަރު ފައިދާއަކީ 868 މިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު