ވިޔަފާރި
ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވާން ފަށައިފި
ޕީކް ސީޒަނަށް ތައްޔާރުވާން ބޭއްވި ހަރަކާތުގައި އެމްއޭސީއެލްގެ މުވައްޒަފުން ބައިވެރިވަނީ.
ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނަށް ތައްޔާރުވާން އެމްއޭސީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަނުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

"ވިންޓާ ޕްރެޕް ކިކްއޮފް 2024"ގެ ނަމުގައި އެމްއޭސީއެލް އިން ބޭއްވި ހަރަކާތުގައި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާ ހިއްސާކުރި އެވެ. މުވައްޒަފުން ވަނީ ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމްކޮށްފަ އެވެ.

އެ އިވެންޓްގައި އެމްއޭސީއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުޙައްމަދު ލަމްޢާނާއި މުޖްތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޓޫރިޒަމްގެ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ޤާއިމް ކުރުމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާ އެކު ޓަރމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖްމެންޓުން ވަނީ ފަށައިފަ އެވެ.

ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ޓޫރިސްޓުން އެންމެ ގިނައިން އަންނަނީ ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށާއި ކްރިސްމަހާ ދިމާކޮށް ނޮވެމްބަރާއި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މި އިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ އެ އިވެންޓްއަކީ ކުރިއަށް އޮތް ސީޒަނަށް ރާވާފައިވާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އަދި ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތައް، މުވައްޒަފުންގެ މެދުގައި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަކީ ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ޝަރީފު ވަނީ އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ކަމުގެ ޔަގީންކަން ވެސް މުވައްޒަފުންނަށް ދެއްވައިފަ އެވެ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު