ވިޔަފާރި
ދިރާގާއި ކެންސަ ސޮސައިޓީން ކުޑަކުދިންގެ ކެންސަރާ ގުޅޭ ޓޫލް ކިޓެއް ނެރެފި
ކުޑައިރު ޖެހޭ ކެންސަރަށް އަހުލުވެރިކުރުމުގެ ގޮތުން، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ގުޅިގެން ދިރާގުން ހާއްސަ ޓޫލްކިޓެއް ނެރެފި އެވެ.

ސްކޫލުތަކާއި ބެލެނިވެރިންނަށް ހާއްސަކޮށް ނެރުނު ޓޫލްކިޓާ ގުޅޭ ގޮތުން ކެންސާ ސޮސައިޓީން ބުނީ އަވަހަށް ބަލި ދެނެގަނެ ފަރުވާ ހޯދުމާ އެއްވަރަށް ބަލިން އަރައިގަތުމަށް ކުޑަކުދިންނަށް އެންމެންގެ ސަޕޯޓާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. ސްކޫލުތަކާއި ބެލެނިވެރިންގެ ފަރާތުން ކުޑަކުދިންނަށް ބޭނުންވާ ސަޕޯޓް ސިސްޓަމް ގާއިމުވުމަކީ ކުއްޖާއަށް ދިރިއުޅުމުގައި ކެންސަރުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ދިރާގުން ބުނީ މި ޓޫލްކިޓުގެ އިތުރުން ކެންސަރަށް އަހުލުވެރިކުރުވަން އެ ޖައްމިއްޔާއާ ގުޅިގެން އެޑިއުކޭޝަނަލް ކޮންޓެންޓުތަކެއް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އޭގެ ތެރޭގައި ކުޑައިރު ކެންސަރުޖެހުމުން ފެންނަ އަލާމާތްތަކާ ގުޅޭ ގޮތުން އެނިމޭޓެޑް ލަވައަކާއި ކެންސާ ސަވައިވާއެއްގެ ވާހަކަ އާއި އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ޑޮކްޓަރަކު ދެއްވާ އިރުޝާދު ހިމެނޭ ވީޑިއޯ ސީރީޒްއެއް ހިމެނެ އެވެ.

ސެޕްޓެމްބަރު މަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ޗައިލްޑްހުޑް ކެންސާ" މަހެވެ.

ކެންސާ ސޮސަސައިޓީ އިން ބުނީ ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ކުޑަކުދިންގެ ކެންސަރު އެންމެ ގިނަ އެއް ގައުމު ކަމަށެވެ. އެގޮތުން ރާއްޖޭގެ 18 އަހަރުން ދަށުގެ އާބާދީގެ ގާތްގަނޑަކަށް ފަސް ޕަސެންޓަކީ ކެންސަރަށް ފަރުވާ ހޯދަމުންދާ ކުޑަކުދިން ކަމަށް އެ ސޮސައިޓީން ވަނީ ބުނެފައެވެ.

ކުޑައިރުގެ ކެންސަރުގެ އަލާމާތްތަކާ މެދު މައިންބަފައިންނާއި ބަލަހައްޓާ ފަރާތްތަކާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސޮސައިޓީން ވަނީ ބުނެފަ އެވެ.

ދިރާގުން އަންނަނީ ކުޑަ ކުދިންކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު