ޚަބަރު
މާލީ ތަނަވަސްކަން ހޯދުމަށް އެމްޑީޕީން ވިޔަފާރިއަށް ވަންނަނީ
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށްޓަކައި ވިޔަފާރިއެއް ފެށުމަށް އެ ޕާޓީން ނިންމައިފި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާ ފަށްޓަވަމުން ވެސް ފައްޔާޒު ވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ކުރިޔަށް ގެންދިއުމަށް ޓަކައި ވަރަށް ބައިވަރު ފައިސާ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް 19 އަހަރު ވެފައިވާއިރު، އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މާލީ މިނިވަންކަމާއި ތަނަވަސްކަމެއް ހޯދިފައެއް ނެތެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީތަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިދީފައި އޮތް ނަމަވެސް، އެ ވިޔަފާރިއެއް ކުރެވޭނެ ގޮތެއް ސާފުކޮށް ބަޔާންވެފައި ނެތްކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ. މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކުން ކުންފުނި ރެޖިސްޓްރީ ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެ ކަމަށް އެދި އެމްޑީޕީގެ ފަރާތުން ސަރުކާރަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް އަވަހަށް ގަސްދުކުރަން އަޅުގަނޑުމެންގެ ރިއަލް އެސްޓޭޓުގެ ވިޔަފާރި ފަށަން. އެކަން ވެސް ފެށެން އޮތީ ކޮންމެ ވެސް ކަހަލަ ވިޔަފާރީގެ ރެޖިސްޓްރޭޝަނެއް އަޅުގަނޑުމެންނަށް ލިބިގެން. ކަން ކުރަން އަޅުގަނޑު ބޭނުން. އެއް މަގު ބަންދުވެއްޖިއްޔާ އެހެން މަގަކުން ދެވޭނެ ގޮތް" ފައްޔާޒު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައި ވަނީ ވިޔަފާރީގެ މުއާމަލާތްތަކުން ފައިސާ ހޯދުން ޕާޓީތަކަށް ހުއްދަވާނެ ކަމަށެވެ.

އޭގެ އިތުރުން، ތިންކް ޓޭންކްއަކާއި އެކެޑަމީއެއް އުފައްދަން ވެސް އެމްޑީޕީން މިރޭ ވަނީ ނިންމައިފަ އެވެ. ތިންކް ޓޭންކް އުފައްދަނީ ސިޔާސަތުތަކެއް އެކުލަވާލައި، އެ ސިޔާސަތުތައް އުފައްދާނެ މީހުން ބިނާ ކުރުމެވެ. އެކެޑަމީ އުފައްދަނީ ސިޔާސީ މީހުން ތަމްރީނު ކުރުމުގެ ބޭނުމުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު