ވިޔަފާރި
ބަންކަރިންގެ ހިދުމަތަށް އަންނަ ބޯޓުތަކަށް ވެމްކޯއިން ކުނި އުކައިދިނުމުގެ ހިދުމަތް
އުތުރުމެރިޓައިމް ހިދުމަތުގެ ތެރެއިން ބަންކަރިން ހިދުމަތް ފޯރުކޮށްދޭ ބޯޓުތަކަށް ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އަދި ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ވަޖީހު ވިދާޅުވީ ބަންކަރިންނަށް އަންނަ ބޯޓުތަކަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭނީ ކައިރި ރަށެއްގައި އެކަމަށް ހާއްސަ ފެސިލިޓީއެއް ހެދުމަށްފަހު ކަމަށެވެ.

އެއްބަސްވުމުގައި ވާގޮތުން ބޯޓުތަކުން ކުނި ނަގާނީ އެމްޕީއެލް އިންނެވެ. އަދި އެމްޕީއެލްއިން އުތުރު ގޭޓްވޭއަށް ކުނި ޑިސްޗާޖްކުރުމަށްފަހު އެ ކުނި މެނޭޖްކުރާނީ ވެމްކޯއިންނެވެ. 

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވަނީ މި ހިދުމަތް ފެށުމުން މިކަމުން ވެމްކޯއަށް އަދި އެމްޕީއެލްއަށްވެސް އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، މި ހިދުމަތް ދޭއިރު ވެމްކޯއިން ބޯޓުތަކުން ކުނި ނެގުމުގެ އިތުރުން "ޔޫޒްޑް އޮއިލް" ވެސް މޭނޭޖް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމަށް ޚާއްސަކޮށް ޤާއިމް ކުރެވޭ ސެންޓަރުން ކުނިތައް ކުނބުރުދޫގައި ގާއިމުކުރެވޭ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދެވޭނެ ކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވި އެވެ.

"ހޯރަފުށި ކަމުގައިވިއަސް އުލިގަމު ކަމުގައިވިއަސް ކުޑަ ސެންޓަރެއް ގާއިމްކުރެވޭ މި ދެންނެވި ރީޖަނަލް ފެސިލިޓީއަށް ޓްރާންސްފަރ ކުރުމުގެ މަސައްކަތް ކުރަމުންދާނީ. މިއީ ހަމަ ވަށާޖެހޭ ގޮތަށް އޮތްކަމެއް. މިހާރުވެސް ބޮޑެތި މަސައްކަތް ކުރަމުންދާ ކަމެއް. ކުނބުރުދޫގައި އަރާފޭބުމުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން." މުޖްތަބާ ޖަލީލް ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. ހިދުމަތް ފަށާފައިވަނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު