ޚަބަރު
ވަގު ނޫޓުތަކެއް ދައުރުވާތީ ސަމާލުވާން ފުލުހުން އެދިއްޖެ
ވަގު ނޫޓުތަކެއް ދައުރުވާތީ ސަމާލުވާން ފުލުހުން ވަނީ މިއަދު އެދިފަ - ސަން ފައިލް ފޮޓޯ
ފަހަކަށް އައިސް ސައްހަ ނޫން 500ރ. ދައުރުވާތީ އެކަމަށް އާންމުންނާއި ވިޔަފާރިތަކުން ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ވަގު ނޫޓުން މުއާމަލާތް ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރުމާ ގުޅިގެން ފުލުހުންގެ ވެބްސައިޓްގައިވަނީ ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވަމުންދާ ކަމަށެވެ.

އެހެންވެ، ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.

އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެ އިދާރާއިން އެދެ އެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޮކްޓޯބަރު 29، ގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ދެ މީހުން ހައްޔަރުކޮށް، 500ރ. ގެ ސައްހަ ނޫން 24 ނޫޓު އަތުލައިގަނެފަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ވަނީ ޖަހާފަ އެވެ.

ސައްހަ ނޫން 500ރ. ނޫޓެއް ކެފޭއަކުން މާރު ކުރި މައްސަލައަކާ ގުޅިގެން މި މަހު ކުރީކޮޅު ވެސް މީހަކު ހައްޔަރުކުރި އެވެ.

ފަހަކަށް އައިސް ސްކޭމް ކޮށްގެން އެކި ގޮތްގޮތުން މީހުން އަތުން ފައިސާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޭކް ޓްރާންސްފާ ސްލިޕް ފޮނުވައިގެން ވެސް ސްކޭމް ކުރުން ވަނީ އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު