
މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ މަޝްރޫއުތަކާ ގުޅޭ ތަފްސީލްތައް ދިނުމަށް ޝަރުތުކޮށެވެ.ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އެހިއިރު، ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަންތައް އުނިކުރަން ހުށަހަޅުއްވައިފަ އެވެ. އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމުން މި އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.މި އިސްލާހާއެކު، އަންނަ އަހަރުގެ 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމާ ދެކޮޅަށެވެ.މަޖިލީހުގައި މިއަދު ނެގި ބަޖެޓުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ ވޯޓާއެކު 2025 ވަނަ އަހަރުގެ ބަޖެޓުވަނީ ފާސްކޮށްފަ އެވެ. ބަޖެޓު ފާސްކުރަން ނުފެންނަކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. މި ބަޖެޓަކީ 56 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ޕީއެސްއައިޕީގެ ގޮތުގައި 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.