ޚަބަރު
ކުރަނގި އޮޕަރޭޝަން މިއަދު މާލޭގައި
މާލޭ ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މަސައްކަތް، އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ އޮޕަރޭޝަނުގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެވެ.

"އޮޕަރޭޝަން ކުރަނގި" ފެށި ފަހުން މިހާތަނަށް 24،028 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު މީހާރު ވެސް 185 ރަށެއްގައި ކުރިއަށް ގެންދެ އެވެ. އަދި 55 ރަށެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމައިފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ އިދާރާތަކުން ހިންގި އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 5،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.

"ކުރަނގި" އޮޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު