ޚަބަރު
އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ހއ. އިހަވަންދޫގައި ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެހިދުމަތްތައް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހުކުރައްވާފަ އެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ފަށާފައިވާއިރު، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. އަދި ރ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އުނގޫފާރުގައި ވަނީ ރަސްމީކޮށް ފަށާފަ އެވެ.

ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު، މައުލޫމާތުގެ ރައްކާތެރިކަމާއި އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުއާ ޑޮކިއުމަންޓްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.

އެހެން ސަރުކާރުތަކަށް ވެސް އެކަން ނުކުރެވި އޮތީ އެފަދަ ގޮންޖެހުންތަކާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާ އެކު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް މިނިސްޓްރީއެއް އެކުލަވާލާފައި އޮތުމުން އެ މަގު ފަހިވެފައިވާ ކަަމަށް އިހުސާން އޭރު ވިދާޅުވި އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުވަނީ ފަށައިފަ އެވެ. އޭގަފަހުން ރ. އުނގޫފަރޫގައި ވެސް އެ ޚިދުމަތް ވަނީ ފަށާފައެވެ.

އޭގެއިތުރުން، މިހާރު އައިޑީކާޑުގެ ޚިދުމަތް ދެނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާއި ވިލިމާލެއާއި ހދ. ކުޅުދުއްފުށީގެ އިތުރަށް ހއ. ދިއްދޫގަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު