ޚަބަރު
ރައްޔިތުންގެ މަޖިލިސް ޑިޖިޓަލައިޒްކުރުމަށް އިންޑިއާއިން އެހީތެރިވަނީ
ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ލޮކް ސަބާގެ ރައީސް އޯމް ބިރްލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި އަބްދުއްރަހީމް މިއަދު ވަނީ ބިރްލާއާ ބައްދަލުކުރައްވާފައެވެ.

އަބްދުއްރަހީމް ވަނީ، އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސާއި ޓެކްނޮލޮޖީ ބޭނުންކުރާ ކުރުމަށް ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުވުމަށް ފަހު ބިރްލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ލޮކް ސަބާއިން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ލޮކްސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއާއިން ގެންގުޅޭ "ނެއިބަރހޫޑް ފަސްޓް ޕޮލިސީ"އާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ގެންގުޅޭ "ސާގަރް" ޕޮލިސީގައިވެސް މުހިއްމު ބައިވެރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިޔާ ސަރުކާރުގެ ބައެއް އިސްވެރިންނާއިވެސް ބައްދަލުކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި މަޖިލިސް ރައީސް އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު