ހޯރަފުށީގެ ތަރައްގީ ހުއްޓިފައި އޮތުމުން ކައުންސިލަރެއްގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
އަހުމަދު ނިހާން
11 މާޗް 2025 - 15:25
0 comments
ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް:ރަށުގެ ތަރައްގީ ހުއްޓިފައިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ހއ. ހޯރަފުށީގެ ތަރައްގީ ހުއްޓިފައިވާ ކަމަށް ވިދާޅުވެ، އެ ރަށު ކައުންސިލަރެއްގެ ކަންބޮޑުވުން ޝޯޝަލް މީޑިއާގައި ބަންޑުންކޮށްލައިފި އެވެ.
އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް އޭނާގެ ޝޯޝަލް މީޑިއާގެ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ ޕްރޮޖެކްޓައް ނެގި މިރަށުގެ 17 މީހުން ކަނޑަލައި ގެޔަށް ފޮނުވައިލި ފަހުން ފެނަކަ އޮފީސް އިމާރާތް ހުރީ ހުއްޓިފަ ކަމަށާއި ބޮޓްލިން ޕްލާންޓުގެ ސްޓޯރޭޖް މަސައްކަތެއް ކުރިއަކަށް ނުދާ ކަމަށެވެ."ތިންވަނަ އައިލެންޑުގެ މަސައްކަތް އަނެއްކާވެސް ހުއްޓިއްޖެ. އެތަނުގައި އޮތް ބެޑު އަދިވެސް ތަންހަރުވެފަ. އަނެއްކަވެސް ޓޫރިޒަމް ޒޯން ގިރަން ފަށައިފި.. ތަރައްގީގެ އެއްވެސް މަސައްކަތެއް އަމަލީ ގޮތުން މި ރަށުގައި ނުހިގަނީ ކީއްވެ ތޯ.. ސަރުކާރަށް ގޮޑި ލިބިއްޖެނަމަ ތަރައްގީގެ ހުންނީ ރޮކެޓް ސްޕީޑިގައި ކަމަށް ދެންނެވި ބޭފުޅުން މިހާރު ކޮބައިތޯ. އަމިއްލައަށް މެޑަލް ޖައްސަވާލަން ކުރިއަރައިގެން އައި ރަށެއްގެ މުސްތަގުބަލު ހުއްޓުވާލުން ނޫން އިތުރު އެއްވެސް ކަމެއް ނުކުރެއެއް ނޫންތޯ.." ރައޫފް ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.ރައޫފް ވަނީ 100 ދުވަހު ކޮށްދޭން ވައުދުވި ވައުދުތައް އިބިލީހުގެ ކައިވެންޏަށްވެ ނިމުނީ ތޯ ވިދާޅުވެ ސުވާލު ކުރައްވާފަ އެވެ. ރައްޔިތުންނަށް އެންމެ ފައިދާ ވާ ޓޫރިޒަމް ޒޯނަށް ދާއިމީ ކަރަންޓާއި ފެނާއި ނަރުދަމާ ހިދުމަތައް އާދޭސް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އަދިވެސް ޖަވާބެއް ނުލިބެނީ ރައްޔިތުންގެ ފަޅީގައި ހުރިލެއް ބޮޑުކަމުން ތޯ ރައޫފް ވަނީ އިތުރަށް ސުވާލު ކުރައްވާފައި އެވެ."ތަރައްގީގެ އިރުއަރާގެން އެއްބަޔަކު އުފަލުން ފޮޅޭއިރު އަޅުގަނޑުމެން މި ތިބީ ތަރައްގީގެ އިރު އޮއްސުނު ގޮތައް ގަދަ ނިދީގައި" ރައޫފް ވިދާޅުވި އެވެ.ރައޫފް އިތުރަށް ވިދާޅުވީ ރަށުގެ އިހްތިސާސްތެރޭގައިވާ އުނގުލި ފިނޮޅު އިންޓަރ ގުރޭޓެޑް ޓުއަރިޒަމްއަށް ހުޅުވައިލުމުގެ ހުއްދައަށް އެދިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ހުވަހަންދޫ ހޯރަފުށީ އިހްތިސޯސްތެރެއަށް ނުލެވިގެން މި އުޅުއްވާ ސަބަބެއް ނުވިސްނޭ ކަމަށެވެ."ކަހާތަން ހިރުވާވެސް ނުލަނީ ރިޔާސީ އިންތިހާބުގެ މެޖޯރިޓީއާއި ދާއިރާގެ މެންބަރުގެ ގޮޑި ސަރުކާރަށް ނުލިބިގެން ތޯ. ނޫނީ މި ސަރުކާރުން ވޯޓު ހޯދާލުމުގެ ނިޔަތުގަ ހަދާލި ދޮގެއް ތަކެއް ތޯ.." ރައޫފް ވިދާޅުވި އެވެ.ރައޫފްގެ އިތުރު ކަންބޮޑުވުން ގޮތުގައި ދެން ފާހަގަކޮށްފައިވަނީ ކުރީ ސަރުކާރުން އިއުލާންކުރި ސްވިމިން ޓެެރެކް އަގު ބޮޑުވެގެން ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމި ނިންމުން އަދިވެސް ތަންފީޒު ނުވެ ލަސްވާތީ އާއި ވަޒީފާއަށް އާދޭސްކުރާ އެތައް ޒުވާނުން ރަށުގައި ތިބުމެވެ. މީގެ އިތުރުން ބޯ ހިޔާވަހިކަމަށް އާދޭސް ކުރާ އެތައް އާއިލާތަކެއް ހޯރަފުށީގައި އެބަތިބި ކަމަށާއި ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދިނުނަށް ދޮށީ އުމުރުގެ މީހުން އެ ދަނީ އެދެމުން ކަމަށް ރައޫފް ވިދާޅުވި އެވެ.
"އަޅުގަނޑު މުޅިން މާޔޫސް ވެއްޖެ. މިނިސްޓްރީތަކާއި ބައްދަލު ކުރެވިއްޖެ، ރައީސުލް ޖުމްހުރިއްޔާއަށް ދެންނެ ވިއްޖެ މިހާރު މި ތިބީ ޓަކި ޖަހާނެ ދޮރެއް ނެތިފަ." ރައޫފް ވިދާޅުވި އެވެ. ރައޫފް ނިންމާލަމުން ވިދާޅުވީ ރަށްވަށައިގެން ތަރައްގީގެ މަސައްކަތްތައް ހިނގަމުން ދިޔަ ރަށެއް ހުއްޓި ހާލަތު އެއްކޮށް ބަދަލުވެއްޖެ ކަމަށާއި މާޔޫސް ކަމުގެ ރަޖާލައިގެން މި ފަސް އަަހަރު ހޯރަފުށީ ރައްޔިތުން ކުޅި ބަލަން ތިބެން ވީ ތޯ އެވެ. މިއީ ތަރައްގީގެ ރޭހުގައި މި ސަރުކާރުން ހޯރަފުށީ ރައްޔިތުން ބާކީކޮށްލައި މަގުމަތިކޮށްލުން ނޫން އިތުރު ކޮން ކަމެއްތޯ ރައޫފް ވަނީ ސުވާލު ކުރައްވާފައި އެވެ. ކައުންސިލަރު ރައޫފްގެ ކަންބޮޑުވުން މިއަދު ބަންޑުންކޮށްލެއްވިއިރު މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ."ހޯރަފުށީ ކައުންސިލާއި އިދާރާތަކުން އަދި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ، އެންމެ ބޭނުންވާ ކަންކަމަށް ބައްދަލަވައި އެކަންކަން ފައްޓަވައިދެއްވުމަށް އިއްޒަތްތެރި ރައީސަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.ޖެނުއަރީ 29، 2025 ގައި ރައީސް މުއިއްޒު ހޯރަފުށްޓަށް ކުރެއްވި ދަތުރުގައި، ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅި ކަންކަން ހިއްސާ ކުރުމަށް ރައްޔިތުން ތަކުރާރުކޮށް އެދޭ ކަމަށް ބުނެ، އެ ކަންކަން ކަންކަން ބަޔާނުގައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު