ޚަބަރު
އާ މަޝްރޫއެއް ނުފެށި ދިއުމަކީ ކައުންސިލްގެ މަސައްކަތަށް ހުރަސް އަޅަންޖެހޭ ސަބަބެއް ނޫން: ވަހީދު
ހޯރަފުށި ދާއިރާގެ މެންބަރު އަލީ އަރިހުގައި ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު
ހޯރަފުށީގައި ތަރައްގީގެ އާ މަޝްރޫއެއް ނުފެށި ދިއުމަކީ ކައުންސިލްގެ މަސައްކަތަށް ހުރަސް އަޅަންޖެހޭ ސަބަބެއް ނޫން ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ވަހީދު އޭނާގެ ފޭސް ބުކް އެކައުންޓްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސް ނާޅާ ފުރުސަތު ދޭން ޖެހޭ ކަމަށާއި ރަށުގެ ބިންތައް ދޫކުރަނީ ކައުންސިލަށް ނަފާލިބޭ ގޮތަށް އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

"ތަރައްގީގެ އާ މަޝްރޫއެއް ނުފެށި ދިއުމަކީ ކައުންސިލްގެ މަސައްކަތް ތަކަށް  ސަރުކާރުން ހުރަސް އަޅަންޖެހޭ ސަބަބެއް ނޫން..." ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ކައުންސިލުން ބިންދޫކުރީ އަާއްމު އިއުލާނަކުން ކަމަށާއި ބިޑެއް ކާމިޔާބުކުރާ ބަޔަކު ކާމިޔާބު ކުރަނީ އުސޫލުތަކާއި އެއް ގޮތަށް ކަމަށެވެ.

"ބިން ދޫކޮށްފައިވަނީ ފާސްކޮށްފައިވާ އެލްޔުޕީ އާ އެއްގޮތަށް. ބިމާބެހޭ ކޮންމެ ނިންމުމެއް ނިންމަާފައި ވަނީ ކައުންސިލްގެ އަާއްމު ޖަލްސާ އަކުން. ސީއެސްއާރުގެ ގޮތުގައި ދިހޯކްސްއިން ވަނީ 100000(އެއްލައްކަ ރުފިޔާ) ކައުންސިލަށް ޖަމާކޮށްފައި. އަދި އެގްރީމަންޓާ އެއްގޮތަށް އެބިމުން މަހަކު 5000 (ފަސްހާސް ރުފިޔާ) ކައުންސިލަށް ލިބެމުންދާނެ. ޒަމާނީ ލުއިފަސޭހަ ހިދުމަތް ލިބިގެންދާނެ. ބަނދަރުމަތިން ރިީތި ޝެޑެއް ފެނިގެންދާނެ." މިހާލަތުގައި މަސައްކަތް ހުއްޓުވަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ދެކި ނުލައްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ދި ހޯކްސް އަށް ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އެންގުމަކީ މިފަދަ ހިދުމަތް ތަކާއިގެން ކުރިއަށް ދިއުމަށް އެޅޭ ހުރަހެއް ކަމަށާއި ބިން ދޫކުރުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެކަން ބައްލަވާ ކައުންސިލަށް ފިޔަވަޅު އެޅުމަށް އެދޭ ކަމަށާއި އަދި ސަސްޕެންޑް ކުރަންޏާ އެކަންވެސް ކުރައްވަންވީ ކަމަށެވެ. ނަމަވެސް އިންވެސްޓަރުންގެ މަސައްކަތްތަކަށް ދަތިކޮށް އެ މަސައްކަތް ހުއްޓުވުން ބަލައިނުގަންނަ ކަމަށެވެ.

"ދަންނަވަންތޯއެވެ. ކުށަކާ ނުލައި ހޯރަފުށީ ކައުންސިލް ސަސްޕެންޑް ކުރުމަކީ ދެރަވެ މާޔޫސްވާނެ ކަމެއްވެސް ނޫން" ވަހީދު ވިދާޅުވި އެވެ.

ވަހީދު މިހެން ވިދާޅުވިއިރު ހޯރަފުށިން ދި ހޯކްސް އަށް ތެލުގެ ވިޔަފާރި ކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެ ކައުންސިލަށް އެންގިކަން "ހޯރަ" އަށް ވަނީ ކަށަވަރުވެފަ އެވެ. 

މިކަމުގެ ކަންބޮޑުވުން ހޯރަފުށީ ކައުންސިލްގެ ނައިބު ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު