ޚަބަރު
ގުޅީގެ ބިން ހިއްކަން ފަށައިފި
ކ. ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރޭ ފަށައިފި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދެވެ. މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އަހުމަދު ސައުދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ދައުރު ނިމެން ގާތްވެފައިވަނިކޮށް އެމްޓީސީސީއަށް މަސައްކަތް ހަވާލުކުރި ނަމަވެސް، މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއްކޮށްފައިނުވާ ކަމަށެވެ. އެގޮތުން ބަޖެޓު ހަމަޖެއްސުމާއި ވަސީލަތްތައް ހޯދުމުގެ އެއްވެސް ކަމެއްކޮށްފައިނުވާކަން އެމްޑީ ފާހަގަކުރެއްވިއެވެ. 

ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތާއެކު ގުޅީގެ ބިން 2 ގުނައަށް އިތުރުވާނެއެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެ އެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

814 މީހުންގެ އާާބދީއެއް އޮންނަ މާލެއަތޮޅު ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަނަމަވެސް ވަރަށް ރީތި ހިތްގައިމު ރަށެކެވެ. އެރަށަކީ ގެސްޓު ހައުސް ވިޔަފާރި ފުޅާ ދައިރާއެއްގައި ކުރަމުން އަންނަ ރަށެޗެކެވެ. އެގޮތުން އެރަށުގައި މިހާރުވެސް 15 ވަރަކަށް ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އެކި ފަންތީގެ މީހުންނަށް ހާއްސަކުރެވިފައިވާ ގެސްޓްހައުސްތައް ހިމެނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު