ޚަބަރު
ފައިނޭންޝަލް ސެންޓަރާއެކު ބައިނަލްއަގުވާމީ މާލީ ދާއިރާގެ މުސްތަގުބަލުއޮތީ ރާއްޖޭގައި: ރައީސް
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) އަކީ ދުނިޔޭގެ މާލީ މުސްތަގުބަލު ބައްޓަންކުރަން ރާއްޖެއިން އިސް ނެގި ކަމުގެ ރަމްޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެމްއައިއެފްސީ ތައާރަފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އެ މަރުކަޒު ސިފަކުރައްވާފައިވަނީ ފުރުސަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިގުތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައެވެ. 

"އަޅުގަނޑުމެން މި ދަތުރުފަށާއިރު، މިއީ ޔަޤީންކަމާއި ސާފު، އަދި ދުރު ފެންނަ މިސްރާބަކަށް ފަށާ ދަތުރެއް. މިއަދު ފެށިގެން މިދާ މަސައްކަތަކީ އަޅުގަނޑުމެންގެ ފައިވާނަށް ވުރެ މާ ދުރަށް ގުގުމާލާނެ މަސައްކަތެއް. އަޅުގަނޑު ގޮވާލަން ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ފިކުރުކުރާ ފަރާތްތަކަށް. މާލީ ދާއިރާގެ މުސްތަޤުބަލު މިއޮތީ ރާއްޖޭގައި. މިއީ ދެމެހެއްޓެނިވި ވަށާޖެހޭ އިންސާނީ ވަންތަކަން ދަމަހައްޓާ މަޝްރޫއުއެއް. މިއީ ރާއްޖޭގެ ބައިނަލްއަގްވާމީ މާލީ މަރުކަޒު" ރައީސް ވިދާޅުވި އެވެ

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، މި މަރުކަޒަކީ ގައުމުގެ އިގުތިސާދީ ވިލުންތެރިކަމުގެ ރަމްޒަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އާމްދަނީ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމަށްވާއިރު، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުމަކީ ބޭރުގެ މާލީ އިދާރާތަކުން ބާރުއަޅާ ކަމެކެވެ.

މި ސަރުކާރުން ވަނީ އިގުތިސާދު ސިންދަފާތު ކުރުމަށް ބަންކަރިން ފަދަ ބޮޑެތި މަޝްރޫއުތައް މީގެ ކުރިން އިއުލާންކޮށް، އިފުތިތާހު ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު