2007 ގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާ ކުރާ ބިލް ރައިސް ތަސްދީގު ކުރައްްވައިފި
އަލީ ރާޒީ
21 މެއި 2025 - 12:21
0 comments
ރައީސް މުއިއްޒު އިސްލާހު ތަސްދީގުކުރައްވަނީ. - ފޮޓޯ/ރައީސް އޮފީސް
ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގުކުރައްވައިފި އެވެ.
އެ އިސްލާހު ރައީސް ތަސްދީގު ކުރެއްވީ، މިއަދު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ގުޅުން ހުރި އިދާރާތަކުގެ ވެރިން އަދި ބައެއް ސްކޫލް ދަރިވަރުން ވެސް ބައިވެރިވެފައިވެ އެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ، އެމީހެއްގެ އައިޑީކާޑު ނުވަތު އެމީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު