މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭގައި ހުންނަ "އޮރެންޖު ހިޔާ"އަށް ބަދަލުކުރުމަށް ފަހު، ރައީސް މުހައްމަދު މުއިއްޒު މިއަދު އެ ތަން ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިބްރާހިމް އަބްދުލްރައްޒާގު ބައިވެރިވެވަޑައިގެންނެވި އެވެ.މި ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ފަހު، ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ. އަދި އެ ސެންޓަރުން ހިދުމަތް ދެއްވާ ފަރާތްތަކާއި ހިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޝުއޫރުތައް ރައީސް މިއަދު އަޑުއެއްސެވި އެވެ.
މާލޭގައި ހުރި ތެލަސީމިއާ ސެންޓަރު ބާވެ، އެ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ އެކު ރައީސް މުއިއްޒު ވަނީ އޮރެންޖު ހިޔާ ތަރައްގީކޮށް އެތަނަށް އެ ސެންޓަރު ބަދަލުކުރަން ވެރިކަމުގެ ވަރަށް ކުރީކޮޅު ނިންމަވައިފައެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ ރައީސް ވަނީ، މަސް ދުވަސް ތެރޭގައި އެ ސެންޓަރު އޮޕަރޭޝަނަށް ގެނައުމަށް މިދިޔަ މާޗް މަހުގެ އެމްއެންޑީއެފާ ހަވާލުކޮށްފައެވެ.އެގޮތުން ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.ރައީސް މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މިދިޔަ ހަފުތާގައި ބަދަލު ކުރައްވައިފައެވެ.އޮރެންޖު ހިޔާއަކީ ކޮވިޑް-19 ގެ ދުވަސްވަރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.