ޚަބަރު
އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން ހެޔޮ ނިޔަތެއް ނެތް
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީވެ، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގައި އަނެއްކާވެސް އިންޖީނަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑަން ވަނީ ފަށައިފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުން ކަރައްޓް ނެތި އަނެއްކާވެސް މިދަނީ މުސީބާތުގެ ހާލަތު ތަހައްމަލް ކުރަމުން ކަމަށާއި ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންދާ ކަމަށެވެ.

"ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން. އާންމު ޚިދުމަތްތަކަށް ދަނީ ހުރަސް އެޅެމުން. އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެފަހަރަށް މިއަދުވެސް ވަނީ ކަރަންޓް ކަނޑާލާފައި،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ނަމަވެސް އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން. އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުވެ 2 އަހަރު ވާން ކައިރިވެފައި ވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" އޭނާ ޕޯސްޓު ނިންމާލައްވަމުން ލިޔުއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު